Article Top
ވިޔަފާރި •

ޗައިނާއަށް ރާއްޖޭގެ ކަނޑު މަސް އެކްސްޕޯޓުކުރުމަށް މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފި

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

ޗައިނާއަށް ރާއްޖޭގެ ކަނޑު މަސް އެކްސްޕޯޓުކުރުމަށް މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފި

މަސް ކިރަނީ ---

މިފްކޯއިން ޗައިނާގެ ސައިނޯމެކް ހައިނާން ޑިވެލޮޕްމަންޓް ކޮމްޕެނީއާއެކު، ރާއްޖޭގެ ކަނޑުމަސް ޗައިނާގެ ބާޒާރަށް އެކްސްޕޯޓްކުރުމަށް މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިހާރު ކުރިއަށްދާ ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމްގައެވެ.

Advertisement
Article Inside

އެ އެއްބަސްވުުމުގެ ސަބަބުން ޗައިނާގެ ބާޒާރުގައި ހުރި ފުރުސަތުތައް ދެނެގަނެ، މަސް ފޯރުކޮށްދިނުމުގެ އިންތިޒާމުތައް އެކުލަވައިލުމަށް ދެ ކުންފުނިން ގުޅިގެން މަސައްކަތްކުރެވޭނެއެވެ. މީގެ ތެރޭގައި އުފެއްދުންތަކުގެ ފެންވަރާއި، ބަންދުކުރުމާއި، ލޮޖިސްޓިކްސް އަދި ޗައިނާގެ ބާޒާރަށް މަސް އެކްސްޕޯޓްކުރުމުގައި ފުރިހަމަވާންޖެހޭ ޤާނޫނީ މިންގަނޑުތަކާ ގުޅޭ ކަންކަން ހިމެނެއެވެ.

މިފްކޯގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިންގ ޑައިރެކްޓަރު މުޙައްމަދު އަނަސްއެވެ. ސައިނޯމެކް ހައިނާން ޑިވެލޮޕްމަންޓްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެޑްވައިޒަރު އޯ ވޭގުއޯއެވެ.

އެ އެއްބަސްވުމުގެ ސަބަބުން ޗައިނާގެ ބާޒާރަށް މަސް އެކްސްޕޯޓްކުރުމުގެ ފުރުސަތުތައް އިތުރަށް ފަހިވެގެން ދާނެކަމަށް މިފްކޯއިން ބުނެއެވެ.

މިގޮތުން މަސް ފޯރުކޮށްދޭ ފަރާތެއްގެ ގޮތުގައި މިފްކޯއިން ހަރަކާތްތެރިވުމަށް ހަމަޖެހިފައިވާއިރު، ސައިނޯމެކް ހައިނާންއިން މަސައްކަތްކުރާނީ ޗައިނާގެ ބާޒާރުން ފުރުސަތުތައް ހޯދުމަށެވެ. މީގެ އިތުރުން، ފުރަތަމަ މަރުޙަލާގެ ދިރާސާތަކާއި ވިޔަފާރީގެ އިންތިޒާމުތަކަށް ރިޢާޔަތްކޮށް، 2027 ވަނަ އަހަރުން ފެށިގެން އެކްސްޕޯޓްކުރާ މިންވަރު އިތުރުކުރުމާ ގުޅޭގޮތުން ދެ ފަރާތުން މަޝްވަރާކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މިއީ ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތަކަށް ބައިނަލްއަޤުވާމީ އައު ބާޒާރުތައް ހޯދުމަށް މަގުފަހިކޮށްދީ، ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބިގެންދާނެ ވަރަށް މުހިންމު ފުރުސަތަކަށްވާނެކަން މިފްކޯއިން ވަނީ ފާހަގަކޮށްފައެވެ. މިފްކޯއިން މިހާރު މަސް އެކްސްޕޯޓް ކުރަނީ ޔޫރަޕަށާއި ތައިލޭންޑު އަދި މޮރިޝަސްއަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް