މަޖިލީހުގެ ރައީސް އާއި، އުއްތަމަ ފަނޑިޔާރުގެ މުސާރަ ބޮޑު ކޮށްފި
ލިޔުންތެރިޔާ
ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއް ރަޙީމް އާއި، އުއްތަމަ ފަނޑިޔާރު ޢަބްދުލް ޣަނީ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި، އުއްތަމަ ފަނޑިޔާރުގެ މުސާރަ ބޮަޑު ކުރަން ރައްޔިތުންގެ މަޖިލީހުގެ މިއަދު ފާސްކޮށްފި އެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރައީސްގެ މުސާރަ އާއި، މިނިސްޓަރުގެ ކާރު އެލަވަންސް އާއި، ކައުންސިލަރުންގެ މުސާރަ ބޮޑު ކުރަން ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވި 54 މެމްބަރުންގެ ތެރެއިން 42 މެމްބަރުންގެ ވޯޓާ އެކު އެވެ. އެކަމާ ދެކޮޅަށް ވޯޓު ދީފައި ވަނީ 12 މެމްބަރުންނެވެ.
މީގެ އިތުރުން އުއްތަމަ ފަނޑިޔާރުގެ މުސާރަ ބޮޑު ކުރަން ފާސްކޮށްފައި ވަނީ ވެސް 42 މެމްބަރުންގެ ވޯޓުންނެވެ. އެކަމާ ދެކޮޅަށް 12 މެމްބަރުން ވޯޓު ދިންއިރު، މި ވޯޓުގައި ވެސް ބައިވެރިވީ 54 މެމްބަރުންނެވެ.
މިއާއެކު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި އުއްތަމަ ފަނޑިޔާރަށް މުސާރައިގެ ގޮތުގައި ދެން ލިބިވަޑައިގަންނަވާނީ 95،125 ރުފިޔާ އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މުސާރަ ބޮޑު ކުރަން ނިންމި ސަބަބު ތަކުގެ ތެރޭގައި، މަޖިލީހުގެ ރައީސަށް ވުރެ ނައިބު ރައީސްގެ މުސާރަ ބޮޑުވުން ހިމެނެ އެވެ. އެއީ މަޖިލީހުގެ ރައީސް އަކީ ކޮމެޓީ ތަކުގައި ބައިވެރިވާ ފަރާތަކަށް ނުވާތީ އެވެ.
އުއްތަމަ ފަނޑިޔާރުގެ މުސާރަ ބޮޑު ކުރަން މާލިއްޔަތު ކޮމެޓީ އިން ނިންމާފައި ވަނީ އަންގާރަ ދުވަހު އެވެ. މިއީ ރައްޔިތުންގެ މަޖިލީހުގެ ރައީސްއާ އެއްވަރުގެ މުސާރައެއް އުއްތަމަ ފަނޑިޔާރަށް ދިނުމަށް ނިންމި ނިންމުމެކެވެ. މިހާތަނަށް އުއްތަމަ ފަނޑިޔާރަށް މުސާރައިގެ ގޮތުގައި ލިބިވަޑައިގަންނަވަނީ 91،000 ރުފިޔާ އެވެ. ބަދަލާ އެކު، އުއްތަމަ ފަނޑިޔާރުގެ މުސާރަ އަށް ވަނީ 4125 ރުފިޔާ އިތުރުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް