އުފެއްދުންތެރި ކަމުގެ މައުރަޒުގެ ބައިވެރިންނާ އެކު، ރައީސް 11 ގަޑިއިރު
ލިޔުންތެރިޔާ
އުފެއްދުންތެރި ކަމުގެ މައުރަޒުގައި ރައީސް މުޢިއްޒު އާއި އަނބިކަނބަލުން ސާޖިދާ.
މިހާރު ކުރިއަށްދާ ދިވެހިންގެ އުފެއްދުންތެރި ކަމުގެ މައުރަޒުގެ ބައިވެރިންނާ އެކު، ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު 11 ގަޑިއިރު ހޭދަ ކުރައްވާފައިވާ ކަަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ސައީދު ވިދާޅުވީ، އުފެއްދުންތެރި ކަމުގެ މަރުކަޒު ފެށިގެން ކުރިއަށްދާއިރު ވަރަށް ގިނަ ރައްޔިތުންގެ ތަރުހީބު އެ މައުރަޒަށް ލިބިފައިވާ ކަމަށެވެ.
އެއާއެކު މިނިސްޓަރު ސައީދު ވިދާޅުވީ، ހަތަރު ރޭގެ މަތިން ރައީސް މުޢިއްޒު ވަނީ 11 ގަޑިއިރު މައުރަޒުގެ ކަންކަމުގައި ހޭދަކުރައްވާފައިވާ ކަމަށެވެ. އެއީ މަރުކަޒުގެ އިނާމު ދިނުމަށް ބޭއްވި ޖަލްސާ އާއެކުކަން ފާހަގަ ކުރައްވައި މިނިސްޓަރު ސައީދު ވިދާޅުވީ، ރައީސް މުޢިއްޒު ވަނީ 500 އަށް ވުރެ ގިނަ ސްޓޯލް ތަކަށް ޒިޔާރަތް ކުރައްވައި، 1000 އަށް ވުރެ ގިނަ ދިވެހި އުފެއްދުންތެރިން ނުވަތަ ރައްޔިތުންނާ ސީދާ ބައްދަލު ކުރައްވާފައި ކަމަށެވެ.
ބައެއް ތަފްސީލުތައް ހިއްސާ ކުރައްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، މައުރަޒުގެ އިނާމު ދިނުމަށް ބޭއްވި ޖަލްސާގައި 3 ގަޑިއިރާއި 45 މިނެޓު ރައީސް އުފެއްދުންތެރިންނާ އެކު ވަގުތު ހޭދަ ކުރެއްވި އެވެ. އޭގެ ފަހުން ޖެހިގެން އައި ތިން ރޭ ވެސް، ކޮންމެ ރެޔަކު ތިން ގަޑިއިރު ވަންދެން ރައީސް މުޢިއްޒު މައުރަޒަށް ވަޑައިގެން، މައުރަޒުގެ ބައިވެރިންނާ އެކު ވަގުތު ހޭދަކުރެއްވި ކަމަށް ވެސް މިނިސްޓަރު ސައީދު ވިދާޅުވެފައިވެ އެވެ.
އެއާއެކު މިނިސްޓަރު ސައީދު ވިދާޅުވީ، މައުރަޒު ފެށިގެން މިހާތަނަށް 110،000 މީހުން މައުރަޒަށް ޒިޔާރަތް ކޮށްފައިވާ ކަމަށެވެ. ދުވާލަކަށް ބަލާއިރު، އެއީ ގާތް ގަނޑަކަށް 36،000 މީހުން ކަމަށް ފާހަގަ ކުރައްވައި މިނިސްޓަރު ސައީދު ވިދާޅުވީ، މިއީ ރާއްޖޭގައި މިހާތަނަށް ބޭއްވޭ އެންމެ ފުރިހަމަ އަދި އެންމެ ބޮޑު މައުރަޒު ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް