Article Top
ޚަބަރު •

ރައްޔިތުން ކަންބޮޑުވާން ޖެހޭ ވަރުގެ ކަމެއް ނޯންނާނެ، ރަސްމާލޭގައި ރަލާއި އޫރު މަހެއް ވެސް ނުވިއްކޭނެ: ރައީސް މުޢިއްޒު

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ރައްޔިތުން ކަންބޮޑުވާން ޖެހޭ ވަރުގެ ކަމެއް ނޯންނާނެ، ރަސްމާލޭގައި ރަލާއި އޫރު މަހެއް ވެސް ނުވިއްކޭނެ: ރައީސް މުޢިއްޒު

ނޭޝަން ޗެޓް ޕްރޮގްރާމްގައި ރައީސް މުޢިއްޒު ވާހަކަ ދައްކަވަނީ.

ރަސްމާލޭގައި ހިންގަން އުޅޭ މަޝްރޫއަކީ ރައްޔިތުންނަށް ފައިދާ ވާނެ މަޝްރޫއެއް ކަމަށާއި، އެކަމުގައި ރައްޔިތުން ކަންބޮޑުވާން ޖެހޭ އެއްވެސް ކަމެއް ނޯންނާނެ ކަމަށް ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހުގެ ރޭ އޮތް ނޭޝަން ޗެޓް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރައީސް މުޢިއްޒު ވަނީ، ރަސްމާލޭގައި ހިންގަން އުޅޭ މަޝްރޫއާ ގުޅޭ ގޮތުން ވަރަށް ތަފްސީލުކޮށް ވާހަކަ ދައްކަވައިފަ އެވެ. އެގޮތުން ރައީސް ވިދާޅުވީ، ޔުނައިޓެޑުޔ އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އީގަލް ހިލްސްއާ ހަވާލުކޮށްގެން ހިންގާ އެ މަޝްރޫއުގައި ރައްޔިތުން ކަންބޮޑުވާން ޖެހޭ ވަރުގެ އެއްވެސް ކަމެއް ނޯންނާނެ ކަަމަށެވެ.

Advertisement
Article Inside

އެކަމުގެ ތަފްސީލުތައް ހިއްސާކުރައްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ރަސްމާލޭގައި ތަރައްޤީ ކުރާ އެ ސަރަހައްދުގައި ކަންކަން އޮންނާނީ ރާއްޖޭގެ ރިސޯޓެއްގައި ވެސް ކަންކަން އޮންނަ މިންވަރަށް ވުރެ ލިމިޓުކޮށް ކަމަށެވެ. އެގޮތުން އެ ތަނުގައި ރަލެއް ނުވިއްކޭނެ ކަމަށާއި، އަދި ރަލެއް ނުބޮވޭނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ. ހަމަ އެހެންމެ، އެ ތަނުގައި އޫރު މަހެއް ވެސް ނުވިއްކޭނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވެފައިވެ އެވެ.

މީގެ އިތުރުން އެ ތަނުގައި ފަސް ވަގުތު ބަންގި ގޮވާނެ ކަމަށާއި، މިސްކިތްތައް ހުންނާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ. ބޭރުގެ އެއްވެސް ފަރާތެއްގެ ކޮންޓްރޯލް އޮންނަ ގޮތަށް ސްކޫލެއް ނުވަތަ ތައުލީމީ އެއްވެސް މުއައްސަސާއެއް ނުހުންނާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ. އެ ތަނަށް އަންނަ މީހުންގެ ކުދިން ސްކޫލަށް ފޮނުވަން ބޭނުންވާ ނަމަ، މިހާރު ވެސް ރާއްޖޭގައި ބޭރު މީހުންގެ ކުދިން ސްކޫލަށް ފޮނުވޭ އުސޫލެއް އޮންނާނެ ކަމަށާއި، އެކަން ކުރިއަށް ދާނީ އެގޮތުގެ ތެރެއިން ކަމަށް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައި އެވެ.

ހަމައެހެންމެ ރައީސް މުޢިއްޒު ވިދާޅުވީ، މީހުން ދިރިއުޅޭ ފަސް ގަނޑެއްގައި ހެދޭ ތަނެއްގައި ނޭދެވޭ ކަމެއް ހިނގާނެ އެއްވެސް ކަމަކަށް ފުރުސަތު ނުދެއްވާނެ ކަމަށާއި، އެއްބަސްވުމުގައި ވެސް، އަދި ޤާނޫނީ ގޮތުން ވެސް އެކަން ކަށަވަރު ކުރައްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވި އެވެ. އެއީ ރާއްޖޭގެ ބިން ކަމަށާއި، އެ ތަނުގަައި ހިނގާނީ ރާއްޖޭގެ ޤާނޫނާއި، ރާއްޖޭގެ މުއައްސަސާތަކުގެ ބާރު ކަމަށް ރައީސް ވިދާޅުވި އެވެ.

ރަސްމާލޭގައި ތަރައްޤީ ކުރެވޭ ސަރަހައްދުގައި ދިވެހި ފުލުހުން ހަރަކާތްތެރި ވާނެ ކަމަށާއި، އެ ތަނުގައި ރާއްޖޭގެ ފުލުހުންނާއި ސަލާމަތީ ބާރު ތަކުގެ ބާރު އޮންނާނެ ކަަމަށެވެ. ބައެއް ފަރާތްތަކުން ގިނަ ސުވާލު ތަކެއް އުފެއްދި ނަމަވެސް، އެ ތަނުގައި ރަމަޟާން މަހު މަގު މަތީގައި ކައި ބޮއެ ހެދުމުގެ ފުރުސަތެއް ވެސް ނޯންނާނެ ކަމަށް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައި އެވެ. އެއާއެކު ރައީސް ވިދާޅުވެފައި ވަނީ، އެ ތަނުގައި އުޅޭނީ ދިވެހިންނާއި، ޖީސީސީގެ ޤައުމު ތަކުގެ ރައްޔިތުން ކަމަށެވެ.

ރަސްމާލެ އިން ވިއްކާ ތަންތަން ގަތުމުގެ އެއްވެސް ފުރުސަތެއް އިސްރާއީލްގެ އެއްވެސް ރައްޔިތަކަށް ނޯންނާނެ ކަަމަށާއި، ސަރުކާރުން އެކަން ޔަޤީން ކުރާނެ ކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވައިފަ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް