ވެރިކަމާ ހަވާލުވީއިރު ޤައުމު އޮތީ ދެތިން މަސް ތެރޭގައި ބަނގުރޫޓު ވާނެ ޙާލަތެއްގައި: ރައީސް މުޢިއްޒު
ލިޔުންތެރިޔާ
ނޭޝަން ޗެޓް ޕްރޮގްރާމްގައި ރައީސް މުޢިއްޒު ވާހަކަ ދައްކަވަނީ.
ރާއްޖޭގެ ވެރިކަމާ ހަވާލުވެ ވަޑައިގެންނެވިއިރު، ޤައުމު އޮތީ ދެ ތިން މަސް ދުވަހުގެ ތެރޭގައި ބަނގުރޫޓު ވާނެ ޙާލަތުގައި ކަމަށް ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހާއި، ދައުލަތުގެ މީޑިއާ އިން ގެނެސްދޭ ނެޝަން ޗެޓް ޕްރޮގްރާމްގައި ބުދަ ދުވަހުގެ ރޭ ވާހަކަ ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، 2023 ވަނަ އަހަރު ރާއްޖޭގެ ވެރިކަމާ ހަވާލުވެ ވަޑައިގެންނެވިއިރު، އެންމެ ފުރަތަމަ ބެލީ ޤައުމު ދަރަނިވެރި ނުވެ، އަދި ބަނގުރޫޓު ނުވެ ސަލާމަތް ކޮށްދިނުން ކަމަށެވެ.
އެގޮތުން ރައީސް މުޢިއްޒު ވިދާޅުވީ، ވެރިކަމާ ހަވާލުވީއިރު ޤައުމު އޮތީ އިޤްތިޞާދީ ގޮތުން ޑިފޯލްޓުވުމުގެ ތުންފަތް މަތީގައި ކަމަށެވެ. އަދި ރަނގަޅަށް ކަންކަން މެނޭޖު ނުކުރި ނަމަ، ދެ ތިން މަސް ދުވަހުގެ ތެރޭގައި ޑިފޯލްޓު ވެގެން ދިޔައީސް ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ. އެއާއެކު ރައީސް މުޢިއްޒު ވިދާޅުވީ، ކުރީގެ ސަރުކާރުން ދިޔައީ އިޤްތިޞާދީ ގޮތުން ރައްޔިތުންގެ ބޮލުގައި ދަރަނިތަކެއް އަޅުވާފައި ކަމަށެވެ.
އެހެން ނަމަވެސް، މި ސަރުކާރުން އެ ދަރަނިތައް އަދާކޮށްފައިވާ ކަމަށާއި، މިއަހަރު ފެށުނު އިރު ދައުލަތުގެ ރިޒާވް ރެކޯޑު މިންވަރަކަށް ގެންދެވުނު ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ. ނަމަވެސް، އެންމެ ބޮޑު ގޮންޖެހުމަކަށް ދިމާާވީ މިއަހަރުގެ ފެބްރުވަރީ މަހުގެ ފަހު ކޮޅު މެދު އިރުމަތީގައި ފެށުނު ހަނގުރާމަ ކަމަށާއި، އެ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމާއި، އިޤްތިޞާދަށް އަސަރު ކުރި ކަމަށް ރައީސް ވިދާޅުވި އެވެ.
ހަނގުރާމައިގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރީ ތެލުގެ އަގު މައްޗަށް ދިޔުން ކަމަށާއި، މިއަދު ވެސް އެކަމުގެ ދަތިކަން އޮތް ކަމަށެވެ. ހުރިހާ ކަމެއް ވެސް ގުޅިފައި އޮތީ ތެލާކަން ފާހަގަ ކުރައްވައި ރައީސް މުޢިއްޒު ވިދާޅުވީ، ރައްޔިތުންނަށް އެކަމުގެ އެއްވެސް ދަތި ކަމެއް ދިމާ ވިޔަ ނުދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެެވެ.
އެގޮތުން ތަކެތީގެ އަގު ބޮޑުވުމާއި، އަސާސީ ބާވަތްތައް ހޯދުން އަދި ބޭރުގައި ކިޔަވަން ތިބި ދަރިވަރުންނަށް ދޭން ޖެހޭ ފައިސާ ދިނުމުގައި ދަތިކަމެއް ދިމާވިޔަ ނުދޭން އަދި ރައްޔިތުންނަށް އެކަން ޕާސް ވިޔަ ނުދޭން ގިނަ ކަންތައްތަކެއް ސަރުކާރުން ކުރި ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ. ސަރުކާރުން އަޅަމުން ގެންދިޔަ ފިޔަވަޅުތަކާ އެކު، ރާއްޖޭގެ ކްރެޑިޓް ރޭޓިން ވެސް ދެ ފަހަރެއްގައި މަތިކޮށްފައިވާ ކަމަށް ރައީސް ވަނީ ފާހަގަ ކުރައްވައިފަ އެވެ.
އެހެން ނަމަވެސް، ބޭރު ފައިސާ ހޯދުން ކަހަލަ ކަންކަމުގައި އަދިވެސް ދަތިތަކެއް ހުރި ކަމަށާއި، އެކަން ޙައްލު ކުރުމަށް ވެސް ސަރުކާރުން މަސައްކަތް ތަކެއް ކުރަމުން އަންނަ ކަަމަށް ރައީސް ވަނީ ވިދާޅުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް