Article Top
ޚަބަރު •

ނޫސްވެރިންނަށް ފުރައްސާރަ ކުރާތީ، އެމްޖޭއޭ އިން މައްސަލަ ހުށަހަޅައިފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ނޫސްވެރިންނަށް ފުރައްސާރަ ކުރާތީ، އެމްޖޭއޭ އިން މައްސަލަ ހުށަހަޅައިފި

ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން.

ރާއްޖޭގައި މަސައްކަތް ކުރާ ބައެއް ނޫސްވެރިންނަށް ސޯޝަލް މީޑިއާގައި އިންޒާރުދީ، ފުރައްސާރަކޮށް، އަދި އަބުރު ކަތިލަމުން ގެންދާތީ އެ މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހަޅައިފި އެވެ.

މި މައްސަލަ ފުލުހަށް ހުށަހަޅާފައި ވަނީ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިންނެވެ. އެމްޖޭއޭ އިން ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު މުޙައްމަދަށް އެޑްރެސް ކުރައްވައި ފޮނުވި ސިޓީގައި ބުނެފައި ވަނީ، ބައެއް ފަރާތްތަކުން ނޫސްވެރިންނަށް ފުރައްސާރަ ކުރަމުން އަންނަ ކަމަށާއި، އެ ނޫސްވެރިންނަކީ ޔަހޫދީން ނުވަތަ ގައްދާރުން ކަމަށް ބުނެ އެ ފަރާތްތަކުން ފޮޓޯ ދައުރު ކުރަމުން އަންނަ ކަމަށެވެ.

Advertisement
Article Inside

އެގޮތުން ރަސްމާލޭގައި ޔުނައިޓެޑު އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ހިންގާ ބިޔަ ބޮޑު މަޝްރޫއާ ގުޅިގެން، އީގަލް ހިލްސް އިން ކޮށްފައިވާ އަދި ކުރަމުން އަންނަ މަސައްކަތްތައް ކަވަރު ކުރުމަށް ދާދި ފަހުން ދިވެހި ނޫސްވެރިންގެ ވަފުދެއް އެ ޤައުމަށް ކުރި ދަތުރާ ގުޅިގެން ބައެއް ފަރާތްތަކުން އަންނަނީ އެ ނޫސްވެރިންނަށް ފުރައްސާރަކޮށް، ތަފާތު އެކި އެކި އިންޒާރުތައް ދެމުންނެވެ.

އެމްޖޭއޭ އިން ބުނެފައި ވަނީ ނޫސްވެރިން މަސައްކަތް ކުރަމުން އަންނަނީ، އެ ނޫސްވެރިޔަކު ވަޒީފާ އަދާކުރަމުން އަންނަ މީޑިއާއެއްގައި އޮންނަ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ. އެެހެންކަމުން ނޫސްވެރިންނަށް މިފަދައިން ފުރައްސާރަ ކުރުމަކީ ބަލައި ގަންނަ ކަމެއް ނޫން ކަމަށާއި، އެކަމާ މެދު ކަންބޮޑުވާ ކަމަށް އެ ޖަމިއްޔާ އިން ވަނީ ބުނެފައި އެވެ. އަދި އެފަދަ އިންޒާރު ތަކުގެ ސަބަބުން ނޫސްވެރިންނާއި، އެ ފަރާތްތަކުގެ އާއިލާތަކުގެ މެދުގައި ބިރުވެރިކަން އުފެދި، ނުރައްކާތެރި ޙާލަތްތައް ކުރިމަތިލާން ޖެހޭ ކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ.

އެމްޖޭއޭ އިން ބުނެފައި ވަނީ އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމާ އެކު، ނޫސްވެރިންނަށް ނިސްބަތްކޮށް ސޯޝަލް މީޑިއާގައި ކޮށްފައިވާ ބައެއް ޕޯސްޓުތައް ވެސް ފުލުހުންނާ ހިއްސާކޮށްފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް