ފަތުރުވެރިން ސަލާމަތްކުރުމުގެ ތެރޭގައި ނިޔާވި މަހުދީއަށް އިޓަލީގެ އެންމެ މަތީ ޝަރަފު އަރުވަނީ
ލިޔުންތެރިޔާ
ފަސްޓް ކްލާސް މުހައްމަދު މަހުދީ ---
ވ. އަތޮޅުގައި ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ޑައިވަރުން ހޯދުމަށް ކުރިއަށް ގެންދިޔަ ސާޗު އޮޕަރޭޝަންގައި އުޅެނިކޮށް ނިޔާވި ސާޖަންޓް ފަސްޓް ކްލާސް މުހައްމަދު މަހުދީގެ ހަނދާނަށް އިޓަލީގެ އެންމެ ޝަރަފްވެރި އެއް އިނާމު ކަމަށްވާ ރަން މެޑަލް ދޭން ނިންމައިފިއެވެ.
ކޮލަމްބޯގައި ހުންނަ އިޓަލީ އެމްބަސީން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، މަހުދީއަށް ދޭން ނިންމާފައިވާ "ގޯލްޑް މެޑަލް ފޯ ސިވިލް ވެލާ" އަކީ އާދަޔާ ހިލާފު ހިތްވަރުގަދަ އަމަލުތަކުގެ އަގުވަޒަންކުރުމުގެ ގޮތުން އެ ގައުމުން ދޭ އެންމެ މަތީ ޝަރަފެވެ.
މީގެ އިތުރުން އެ އެމްބަސީން ބުނީ މާލޭގައި ހުންނަ އިޓަލީގެ އޮނަރަރީ ކޮންސިއުލާ އޭޖެންސީ ގުޅިގެން މަހުދީގެ އާއިލާއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ ފަންޑެއްވެސް ވަނީ ހުޅުވާފައެވެ.
އެގޮތުން މޯލްޑިވްސް އިސްލާމިކް ބޭންކުގައި ހުޅުވައިފައިވާ ސާޖަންޓު މަހުދީ މެމޯރިއަލް ފަންޑު 31 ޑިސެމްބަރުގެ ނިޔަލަށް ފައިސާ ޖަމާކުރެވޭނެކަމަށެވެ. އެ ފައިސާ ދެ ފުށްފެންނަ ގޮތެއްގެ މަތިން މަހުދީގެ އާއިލާއާ ހަވާލުކުރެވޭނެކަމަށް ވެސް އެ އެމްބަސީން ބުންޏެވެ.\
މަހުދީ މަރުވީ މިދިޔަ މޭ މަހުގެ 14 ވަނަ ދުވަހު ވ. އަތޮޅު ކަނޑުގެ ކަނޑުއަޑީގެ ހޮހަޅައަކަށް ފީނަން ގޮސް ގެއްލުނު އިޓަލީގެ ފަސް ފަތުރުވެރިން ހޯދުމުގެ އޮޕަރޭޝަނުގައި ހަރަކާތްތެރިވަމުން ދަނިކޮށް، މޭ 16 ވަނަ ދުވަހުއެވެ.
ތަޖުރިބާކާރު ޑައިވަރެއް ކަމަށްވާ މަހުދީ މަރުވީ، ޑީކޮމްޕްރެޝަން ސިކްނެސްއާ ގުޅުންހުރި ސިއްހީ މައްސަލަތަކެއް ދިމާވެގެންނެވެ.
ޖުމުލަ ހަ މީހުންގެ ފުރާނަ ގެއްލުނު މި ހާދިސާގައި މަރުވި ފަސް ފަތުރުވެރިންގެ ހަށިގަނޑު ފަހުން ވަނީ ކަނޑުއަޑީގެ ހޮހަޅައިގެ ތެރެއިން ނަގާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް