ރަސްމާލެ މަޝްރޫއަށް ފުރިހަމަ އަށް ތާއީދު ކުރަން: ރައީސް ނަޝީދު
ލިޔުންތެރިޔާ
ރައީސް ނަޝީދު ރަސްމާލެ މަޝްރޫއާ މެދު ގޮތެއް ނިންމުމަށް ހުށަހެޅި ގަރާރަށް ބަހުސް ކުރުމަށް ބޭއްވި ގައުމީ މަޖިލީހުގައި ވާހަކަ ދައްކަވަނީ -- ފޮޓޯ/ ވިރާސީ
ރަސްމާލެ މަޝްރޫއަށް ފުރިހަމަ ތާއިދު ކުރާކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު އެހެން ވިދާޅުވީ ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ ގައުމީ މަޖިލީސް ޖަލްސާ އަކީ ރަސްމާލެ މަޝްރޫއު ކުރިއަށް ގެންދިއުމުގެ ކުރިން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓެއް ނެގުމުގެ ކުރިން އެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއި ނުކުރުމަށް ގޮވާލައި ހުށަހެޅި ގަރާރަށް ބަހުސްކޮށް އެ ގަރާރަށް ވޯޓަށް އެހުމަށް ބޭއްވި މަޖިލީހެކެވެ.
މި ގަރާރަކީ ކޮލަމާފުށި ދާއިރާގެ ރައީސް މަހްފޫޒު ސައީދު ހުށަހަޅުއްވައި، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ތާއީދު ކުރެއްވި ގަރާރެކެވެ.
އެ ގަރާރަށް ބަހުސް ކުރައްވަމުން ގެންދަވަނިކޮށް ރިޔާސަތު ބަލަހައްޓަވަމުން ގެންދެވި އެ ޕާޓީގެ ޗެއާޕާސަން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ހުންނެވީ މި ބަހުސްގައި ބައިވެރިވެވަޑައިގަންނަވާ ގޮތަށް ނޫން ކަމަށާއި، ނަމަވެސް އެމަނިކުފާނުގެ ނަން ނެންގެވުމުން އެއްޗެއް ވިދާޅުވާން މަޖުބޫރުވީ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ރަސްމާލެ މަޝްރޫއާ މެދު އެއްޗެއް ދަންނަވާ ނަމަ ދެންނެވޭނީ އެ މަޝްރޫއަށް އެމަނިކުފާނު ފުރިހަމަ އަށް ތާއީދު ކުރައްވާ ކަމަށެވެ.
"އަޅުގަނޑު ވިދާޅުވި ކަމަށް އެއްޗެއް ބުނާ ކަމަށް ވަނީ ވަނީވިއްޔާ އަޅުގަނޑަށް އެބަ ޖެހޭ އެއްޗެއް ދަންނަވަން. އަޅުގަނޑު ފުރިހަމަ އަށް މި ޕްރޮޖެކްޓަށް ތާއީދު ކުރަން، ހަމަ ފުރިހަމަ އަށް،" ކުރީގެ ރައީސް ނަޝީދު ވިދާޅުވި އެވެ.
99 އަހަރަށް ރަސްމާލޭގެ 500 ހެކްޓަރު އެ މަޝްރޫއު ކުރިއަށް ގެންދާ އީގަލް ހިލްސް އަށް ދޭން ނިންމި ނިންމުމުގައި ނުތަނަވަސްކަން ހުރުމުން އެކަން ސާފުކޮށްދިނުމަށް މިސާލެއް ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، މީގެ 300 އަހަރު ކުރިން 3 ނައު ރާއްޖެ އައި ކަމަށާއި، އޭގެ ތެރެއިން އެއް ނައު މަޑުކުރީ ހޯރަފުށީގައި ކަމަށާއި، އަނެއް ނައު ދިޔައީ ރ. ދުވާފަރަށް ކަމަށެވެ. އެމްޑީޕީގެ ހޯރަފުށީ ދާއިރާގެ ރައީސް އަދި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ސަލީމް އަކީ ހޯރަފުށީގައި މަޑުކުރި ނަވުން ވަޑައިގެން ބޭފުޅުންގެ އާއިލާ އަށް ނިސްބަތްވާ ބޭފުޅެއްކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
އެހެންކަމުން 100 އަހަރުން ވެދާނެ ގޮތެއް ކަަމަށް އެމަނިކުފާނަށް ފެންނަ ގޮތަކީ އެއީ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
ރޭގެ ގައުމީ މަޖިލީހުން ވަނީ ރަސްމާލެ މަޝްރޫއުއާ މެދު އާންމުން ދެކޭ ގޮތް ބަލަން އާންމު ވޯޓަކަށް ދިޔުމަށާއި އެކަމަށް ސަރުކާރުން އިޖާބަ ނުދޭ ނަމަ ސީދާ ހަރަކާތަށް ނުކުންނަން ފާސްކޮށްފައި އެވެ.
އެ ގަރާރަށް ވޯޓަށް އެހުމުން ވޯޓުގައި ބައިވެރިވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުން ވަނީ ގަރާރާ އެއްކޮޅަށް ވޯޓު ދެއްވާފައި އެވެ. ނަމަވެސް، ރައީސް ނަޝީދު އެ ގަރާރަށް ތާއީދު ކުރައްވާފައި ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް