މިއީ ސިފައިން ތަރައްޤީ ކުރުމަށް އެންމެ ގިނަ މަސައްކަތްތަކެއް، އަދި އެންމެ ބޮޑު ހޭދައެއް ކުރާ ދައުރު: ޗީފް އޮފް ޑިފެންސް ފޯސް
ލިޔުންތެރިޔާ
ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނަރަލް އިބްރާހީމް ޙިލްމީ.
މިއީ ސިފައިން ތަރައްޤީ ކުރުމަށް އެންމެ ގިނަ މަސައްކަތްތަކެއް އަދި އެންމެ ބޮޑު ހޭދައެއް ކުރަމުން އަންނަ ދައުރު ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނަރަލް އިބްރާހިލް ޙިލްމީ ވިދާޅުވެއްޖެ އެވެ.
ޗީފް އޮފް ޑިފެންސް ފޯސް މިހެން ވިދާޅުވެފައި ވަނީ، މިއަދު ފާހަގަ ކުރަމުން އަންނަ ނަޞްރުގެ ދުވަހާ ގުޅިގެން ހަވީރު އޮތް ސިފައިންގެ އަސްކަރީ ޕެރޭޑުގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވީ، ރަައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު މި ރިޔާސީ ދައުރަކީ ސިފައިން ތަރައްޤީ ކުރުމަށް އެންމެ ގިނަ މަސައްކަތްތަކެއްކޮށް، އަދި އެންމެ ބޮޑު ހޭދައެއް ވެސް ކުރެވުނު ދައުރު ކަމަށެވެ. އަދި އެކަން ފާހަގަ ކުރައްވަނީ ޝަރަފުވެރިކަމާ އެކު ކަމަށް ވެސް ޗީފް އޮފް ޑިފެންސް ފޯސް ވަނީ ވިދާޅުވެފައި އެވެ.
މީގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވީ މިއީ އޭނާގެ އިތުރުން، ސިފައިންގެ ގޭގައި މަސައްކަތް ކުރާ ކޮންމެ ސިފައިންގެ މީހެއްގެ ވެސް އިހުސާސް ކަމަށެވެ. ސިފައިންގެ އެންމެ މަތީ ވެރިޔާ އަދި ރައީސް މުޢިއްޒު ދިފާއީ އަދި އަސްކަރީ ސިޔާސަތު ބިނާވެފައި ވަނީ ރާއްޖޭގެ މިނިވަންކަން ދިފާއު ކުރުމަށް ކަމަށާއި، ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމަށް އެމްއެންޑީއެފްގެ ޤާބިލުކަން އިތުރު ކުރުމަށް ކަމަށް ވެސް ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވި އެވެ.
އެކަން ހާސިލު ކުރުމުގައި ދިވެހި އަސްކަރިއްޔާ އަށް ކޮންމެހެން ބޭނުންވެފައިވާ ޤާބިލުކަމާއި ކުރިއެރުން ހޯއްދަވައި ދެއްވުމުގެ އިތުރުން، އިންސާނީ ވަސީލަތްތައް ތަރައްޤީކޮށްދެއްވައި، ދިވެހި އަސްކަރިއްޔާގެ ހުރިހާ ދާއިރާއެއް ތަރައްޤީ ކޮށްދެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާތީ، ޗީފް އޮފް ޑިފެންސް ފޯސް ވަނީ ރައީސް މުޢިއްޒު އަށް ޝުކުރު އަދާ ކުރައްވައިފަ އެވެ.
ޗީފް އޮފް ޑިފެންސް ފޯސްގެ ވާހަކަައިގައި ވަނީ ދިވެހި އަސްކަރިއްޔާ ތަރައްޤީ ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތައް ފާހަގަ ކުރައްވައިފަ އެވެ. އެގޮތުން ސިފައިންގެ ތަމްރީނު އިންފްރާސްޓްރަކްޗާ އިތުރު ކުރުމަށް ސިފައިންގެ ތަމްރީނު މަރުކަޒުތައް ތަރައްޤީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަ ކުރެއްވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް