ނަޞްރުގެ ދުވަހަކީ މިނިވަންކަމާއި، ސިޔާދަތަށް ދިވެހިން ލޯބިކުރާ މިންވަރު ސާބިތުވާ ދުވަހެއް: ރައީސް މަައުމޫން
ލިޔުންތެރިޔާ
2024 ވަނަ އަހަރުގެ ނަޞްރުގެ ދުވަހުގެ ޖަލްސާގައި ރައީސް މައުމޫން ވާހަކަ ދައްކަވަނީ.
ނަޞްރުގެ ދުވަހަކީ ދިވެހިރާއްޖޭގެ މިނިވަންކަމާއި، އަމިއްލަވަންތަކަން އަދި ސިޔާދަތަށް ދިވެހިން ލޯބިކުރާ މިންވަރު ސާބިތުވެގެންދާ ދުވަހެއް ކަމަށް، ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަ ކުރަމުން އަންނަ ނަޞްރުގެ ދުވަހުގެ މުނާސަބަތާ ގުޅިގެން ރައީސް މައުމޫން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއަދު ފާހަގަ ކުރަމުން އަންނަނީ ދިވެހިންގެ ފަޚުރުވެރި ނަޞްރުގެ ދުވަސް ކަމަށެވެ. އަދި މިއަދަކީ ދިވެހި ރައްޔިތުންގެ ޤައުމީ ލޯތްބާއި، ޤައުމީ ޝުއޫރުތައް އުތުރި އަރާ ދުވަސް ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް މައުމޫން ވިދާޅުވީ، މިއަދަކީ ދިވެހިންގެ ހިތްވަރާއި ފަންވަރު އެންމެ ފުރިހަމަ ގޮތުގައި ވިދާ ބަބުޅާ ދުވަސް ކަމަށެވެ. އަދި ދިވެހި ރާއްޖޭގެ މިނިވަންކަމާއި، އަމިއްލަވަންތަކަން އަދި ސިޔާދަތަށް ދިވެހިން ލޯބިކުރާ މިންވަރު ވެސް ސާބިތު ވެގެންދާ ދުވަހެއް ކަމަށް ރައީސް މައުމޫން ވަނީ ވިދާޅުވެފައި އެވެ.
އެ ޕޯސްޓުގައި ރައީސް މައުމޫން ވިދާޅުވީ، އެމަނިކުފާނު އެ ފާހަގަ ކުރެއްވީ މީގެ 38 އަހަރު ކުރިން ލޮބުވެތި ދިވެހި ރައްޔިތުން މުޅި ދުނިޔެ އަށް ސާބިތުކޮށްދެއްވި ޙަގީގަތެއް ކަމަށެވެ. އެއާއެކު ރައީސް މައުމޫން ވަނީ ނަޞްރުގެ ދުވަހުގެ ތަޙުނިޔާ އާއި، ހެޔޮ އެދުންތައް އަރިސް ކުރެއްވުމާ އެކު، ރާއްޖެ އަކީ މުސްލިމު ޤައުމެއްގެ ގޮތުގައި އަބަދުގެ ލެހެއްޓެވުން އެދި ދުއާ ދަންނަވައިފަ އެވެ.
1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ބޭރުގެ ބަޔަކާއި، ދިވެހި ބަޔަކު ގުޅިގެން ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގައި 19 ދިވެހިން ޝަހީދުވި އެވެ. އޭރު ރާއްޖޭގެ ވެރިކަމުގައި ހުންނެވީ ރައީސް މައުމޫން ކަމަށްވާއިރު، ނަޞްރުގެ ދުވަހުގެ ހަނދާންތަކާއި، އެ ދުވަހުގެ ކަންކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނެ އެއް ބޭފުޅަކީ ވެސް ރައީސް މައުމޫން އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް