ކޮމަންވެލްތު ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ބައިވެރިވެ ވަޑައިގެންފި
ލިޔުންތެރިޔާ
ކޮމަންވެލްތު ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ބައިވެރިވެ ވަޑައިގަންނަވަނީ.
ކޮމަންވެލްތު ޤައުމު ތަކުގެ އިސްވެރިންގެ 28 ވަނަ ބައްދަލުވުން 2026 ރަސްމީ ގޮތުން ހުޅުވުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު ބައިވެރިވެ ވަޑައިގެންފި އެވެ.
އެންޓީގާ އެންޑް ބާބިޔުޑާގައި ކުރިއަށްދާ މި ބައްދަލުވުމުގެ ފެށުމުގެ ރަސްމިއްޔާތުގައި ކޮމަންވެލްތުގެ އެންމެ އިސްވެރިޔާ އަދި އިނގިރޭސިވިލާތުގެ ރަސްގެފާނު ހިޒް މެޖެސްޓީ ޗާލްސް 3 ވަނަ އާއި ކޮމަންވެލްތު ޤައުމު ތަކުގެ ވަފުދުތައް ބައިވެރިވެ ވަޑައިގެންނެވި އެވެ. ފެށުމުގެ ރަސްމިއްޔާތުގައި، އެންޓީގާ އެންޑް ބާބިޔުޑާގެ ބޮޑު ވަަޒީރު އާއި، ކޮމަންވެލްތު ސެކެޓްރީ ޖެނެރަލް ތަގުރީރު ކުރެއްވުމުގެ އިތުރަށް ސަގާފީ ހުށަހެޅުމެއް ދައްކާލި އެވެ.
މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެން ނައިބު ރައީސް ވަނީ ކޮމަންވެލްތު ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ވަފުދުގެ އިސްވެރިންގެ ރަސްމީ އާއިލީ ފޮޓޯގައި ވެސް ބައިވެރިވެ ވަޑައިގެންފައި އެވެ.
ކޮމަންވެލްތު ޤައުމު ތަކުގެ އިސްވެރިންގެ ބައްދަލުވުން ބާއްވަނީ ކޮންމެ ދެ އަހަރަކުން އެއް އަހަރު އެވެ. މިބައްދަލުވުމަކީ، ދުނިޔޭގެ ހައްސާސް ގޮންޖެހުންތަކާ ގުޅޭ ގޮތުން ކޮމަންވެލްތު ޤައުމުތަކުގެ އިސްވެރިން މަޝްވަރާ ކުރައްވައި، ގޮތް ނިންމުމަށް، މެމްބަރު ޤައުމަކަށް ލިބޭ މުހިންމު މަންސައެކެވެ.
މި އަހަރުގެ ބައްދަލުވުން ކުރިއަށް ދާނީ "އެކްސެލެރޭޓިން ޕާޓްނާޝިޕްސް އެންޑް އިންވެސްޓްމަންޓް ފޯ އަ ޕްރޮސްޕަރަސް ކޮމަންވެލްތު" މި ޝިއާރުގެ ދަށުން، މި މަހުގެ 1 އިން 4 އަށް އެންޓީގާ އެންޑް ބާބިޔުޑާގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް