ބަދަހި ގުޅުމެއް ޤާއިމުކުރުމަށް ކޮމަންވެލްތުގެ ޤައުމު ތަކުން ކުރަންޖެހޭ މުހިންމު ތިން ކަމެއް ނައިބު ރައީސް ފާހަގަ ކުރައްވައިފި
ލިޔުންތެރިޔާ
ކޮމަންވެލްތު ހެޑްސް އޮފް ގަވަމަންޓް ބައްދަލުވުމުގެ ދެ ވަނަ އެގްޒެކެޓިވް ސެޝަންގެ ފުރަތަމަ ޖަލްސާގައި ނައިބު ރައީސް އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަޠީފް.
ކޮމަންވެލްތު ހެޑްސް އޮފް ގަވަމަންޓް ބައްދަލުވުމުގެ ދެ ވަނަ އެގްޒެކެޓިވް ސެޝަންގެ ފުރަތަމަ ޖަލްސާގައި ނައިބު ރައީސް އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަޠީފް ބައިވެރިވެ ވަޑައިގެންފި އެވެ.
އެންޓީގާ އެންޑް ބާބިއުޑާގެ ސެއިންޓް ޖޯންސްގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމުގެ (ޗޯގަމް) ދެވަނަ އެގްޒެކެޓިވް ސެޝަންގައި ވާހަކަ ދައްކަވަމުން، ކޮމަންވެލްތުގެ ޤައުމުތަކުގެ މެދުގައި ވަރުގަދަ ގުޅުމެއް ޤާއިމުކުރުމަށްޓަކައި އިސްކަންދޭންޖެހޭ ތިން ކަމެއްގެ މައްޗަށް ނައިބު ރައީސް އަލިއަޅުއްވާލެއްވި އެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި، އިސްކަންދޭންޖެހޭ ތިން ކަމެއްގެ ގޮތުގައި ފާހަގަ ކުރެއްވީ މުއައްސަސާތަކުގެ ޤާބިލުކަން އިތުރުކޮށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ބާރުވެރިކަން ރައްޔިތުންނަށް ހޯދައި ދިނުމާއި، ޤައުމީ މަޤުސަދުތަކަށް އިހުތިރާމްކޮށް އަމިއްލަ ފައި މައްޗަށް ތެދުވުމަށް ބާރުއެޅުމުގެ އިތުރުން، ޤައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމެވެ.
ވަގުތީ ބޭނުންތަކަށް ވުރެ ބޮޑަށް، ދެމެހެއްޓެނިވި ގޮތެއްގައި ޤާބިލުކަން އިތުރު ކުރުމުގެ މުހިންމުކަމުގެ މައްޗަށް ނައިބު ރައީސް ބާރުއެޅުއްވި އެވެ. އަދި ޤައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުމަކީ އެ ޤައުމެއްގެ ޤައުމީ މަސްލަހަތަށް އިހުތިރާމްކުރާ، އަދި އަމިއްލަ ތަރައްޤީގެ މިސްރާބު ކަނޑައެޅުމުގެ ފުރުސަތު ލިބިދޭ ކަމަކަށް ވާން ޖެހޭނެ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން، މޫސުމީ ބަދަލުތަކުން އަރައިގަތުމާއި، ޑިޖިޓަލް ދާއިރާ ކުރިއެރުވުން ފަދަ ކަންކަމުގައި، ތަޖުރިބާ ހިއްސާކުރުމާއި އަމަލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ތެރެއިން ގުޅިގެން މަސައްކަތް ކުރުމަށް ނައިބު ރައީސް ގޮވާލެއްވި އެވެ.
ނައިބު ރައީސް ފާހަގަކުރެއްވި ގޮތުގައި، ވަރުގަދަ ކޮމަންވެލްތަކީ ކޮންމެ ޤައުމަކަށް ވެސް އެ ޤައުމެއްގެ އަމިއްލަ ވަރުގަދަ ސިފަތަކުގެ މައްޗަށް ބިނާވެ ތަރައްޤީވުމުގެ ފުރުސަތު ފަހިކޮށްދޭ ޖަމާއަތެކެވެ.
2040 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެ އަކީ ތަރައްޤީ ވެފައިވާ ޤައުމަކަށް ހެދުމަށް ސަރުކާރުން ގެންގުޅޭ އަމާޒު ނައިބު ރައީސް މި ބައްދަލުވުމުގައި އަލުން ކަށަވަރުކޮށްދެއްވި އެވެ. މިގޮތުން 2030 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ޖީޑީޕީގެ 15 އިންސައްތަ ހިއްސާކުރާނެ ޑިޖިޓަލް އިޤްތިސާދެއް ބިނާކުރުމަށާއި، 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 33 އިންސައްތަ އަކީ އިއާދަކުރަނިވި ހަކަތަ އަށް ހެދުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލަނޑު ދަނޑި ތަކަށް ނައިބު ރައީސް އަލިއަޅުއްވާލެއްވި އެވެ.
މި ލަނޑު ދަނޑި ތަކަކީ ރައީސް ޑޮކްޓަރު މުހައްމަދު މުއިއްޒު، ރާއްޖެ އަކީ ގޮންޖެހުންތަކަށް ކެތްތެރި ޤައުމަކަށް ހެއްދެވުމަށް ގެންގުޅުއްވާ ތަސައްވުރުގެ ބައެއްކަން ފާހަގަ ކުރައްވަމުން، ޤައުމީ ތަރައްޤީގެ އަސްލަކީ އަދި އޭގެ މަންފާ ލިބޭނެ ބަޔަކީ ވެސް ރައްޔިތުން، ޚާއްސަކޮށް ޒުވާނުންކަން ނައިބު ރައީސް ފާހަގަކުރެއްވި އެވެ. އަދި ޒުވާނުންގެ ހުނަރާއި، އުނގެނުމާއި، ފުރުސަތުތަކަށް ކުރެވޭ ހޭދަ އަކީ އެ ތަސައްވުރު ހަގީގަތަކަށް ހެދުމަށް ކުރެވޭ އިންވެސްޓްމަންޓެއް ކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ.
ދުނިޔޭގެ ސަޕްލައި ޗެއިން އަށް އަންނަ ބަދަލުތަކާއި، އިޤްތިސާދީ ނުތަނަވަސްކަން ފަދަ ބޭރުގެ ގޮންޖެހުންތަކުގެ ސަބަބުން، ޤައުމުތަކުން ތަރައްޤީގެ ދިގު މުއްދަތުގެ އަމާޒުތަކަށް ކުރާ ހޭދަ އަށް ހުރަސް ތަކެއް ކުރިމަތިވަމުންދާ ކަމަށް ނައިބު ރައީސް ފާހަގަކުރެއްވި އެވެ. އަދި މިފަދަ ގޮންޖެހުންތަކުން އަރައިގަތުމަށް ޤައުމުތަކުން ކުރާ މަސައްކަތުގައި، އެކުވެރިކަމުގެ ގުޅުންތަކުގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދިނުމުގައި ކޮމަންވެލްތުގެ ދައުރު މުހިންމުކަން ނައިބު ރައީސް ވަނީ ފާހަގަ ކުރައްވާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް