އިކޮނޮމިކް މިނިސްޓަރުގެ މަޤާމު އޮތްހާ ހިނދަކު، މިނިސްޓަރު ސައީދު ތާ އަބަދަށް އެ މަޤާމުގައި ބަހައްޓަން ޖެހޭ: ޝާހިދު
ލިޔުންތެރިޔާ
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރު ޝާޑު ވާހަކަ ދައްކަވަނީ.
އިކޮނޮމިކް މިނިސްޓަރުގެ މަޤާމު އޮތްހާ ހިނދަކު، މިނިސްޓަރު ސައީދު ތާ އަބަދަށް އެ މަޤާމުގައި ބަހައްޓަން ޖެހޭ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝާހިދު (ޝާޑު) ވިދާޅުވެއްޖެ އެވެ.
އިދިކޮޅު އެމްޑީޕީ އިން މިނިސްޓަރު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅިއިރު، ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަށް ހާޒިރުވެ ވަޑައިގެން މިނިސްޓަރު ސައީދު ވަނީ ޖަވާބުދާރީވެފައި އެވެ. އަދި އެ ބަހުސްގައި މެމްބަރުންނަށް ވެސް ވަނީ ބަހުސް ކުރުމުގެ ފުރުސަތު ދީފައި އެވެ.
ޝާޑު ވިދާޅުވީ އެ މަޤާމުގައި މިނިސްޓަރު ސައީދު ބަހައްޓަން ޖެހޭ ސަބަބަކީ އަޅުގަނޑުމެން ބޭނުންވަނީ ޤައުމަށް ކުރިއެރުން ހޯދަން ކަމަށާއި، އަޅުގަނޑުމެން ބޭނުން ވަނީ ޤައުމަށް ޑޮލަރު ހޯދައި އިޤްތިޞާދު ފުޅާކުރަން ކަމަށްވާއިރު، އެކަންކަން ކުރުމަށް އެންމެ ޤާބިލު މީހަކީ މިނިސްޓަރު ސައީދު ކަމަށް ވާތީ އެވެ.
އިތުރަށް ޝާޑު ވިދާޅުވީ މިނިސްޓަރު ސައީދަކީ ހއ. އިން ފެށިގެން އައްޑު އަތޮޅާ ހަމައަށް އެސްއެމްއީ ލޯނު ދީގެން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިން އުފައްދައި އެ ވިޔަފާރިވެރިންނަށް އެހީވި މޭސްތިރިޔާ ކަމަށެވެ. އަދި މިނިސްޓަރު ސައީދުގެ ބެއްލެވުމުގެ ދަށުން ރާއްޖޭގެ އިޤްތިޞާދަށް އަންނަމުންދާ ކުރިއެރުންތަކުގެ ވާހަކަ ވެސް ޝާޑު ވިދާޅުވި އެވެ.
މިނިސްޓަރު ސައީދަކީ ރާއްޖެ އަށް ބަންކަރިން ތައާރަފްކޮށްދީ، އެއީ ކޯއްޗެއްކަން ބުނެދިން މިނިސްޓަރު ކަމަށް ވެސް ޝާޑު ވިދާޅުވި އެވެ. އަދި އެމްޑީޕީ މީހުން އެކިޔާ ޓައުންޝިޕް ރާއްޖެ އަށް ތައާރަފްކޮށް ދިނީ ވެސް މިނިސްޓަރު ސައީދު ކަމަށާއި، މިހާރު މުޅި ރާއްޖެ އިން އެފަދަ ޕްރޮޖެކްޓަށް އެދޭ ކަމަށް ޝާޑު ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް