އިޙުތިރާމް އަދާކުރުމުގެ މަޝްރޫއުގެ ޓީމުން، ސްޓެލްކޯގެ އިސްވެރިންނާ ބައްދަލު ކޮށްފި
ލިޔުންތެރިޔާ
އިޙުތިރާމް އަދާކުރުމުގެ މަޝްރޫއުގެ ޓީމާއި، ސްޓެލްކޯގެ އިސްވެރިންގެ ބައްދަލުވުމުގެ ތެރެއިން.
އިޙުތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫއު ތައާރަފުކޮށް، އެ މަޝްރޫއުއާ ގުޅޭ މައުލޫމާތު ދިނުމުގެ ގޮތުން އެ މަޝްރޫއުގެ ޓީމުން، ސްޓޭޓް އިލްކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ އިސްވެރިންނާ ބައްދަލު ކޮށްފި އެވެ.
ސްޓެލްކޯގައި ބޭއްވި މި ބައްދަލުކުރުމުގައި އިޙުތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫއުގެ މައިގަނޑު މަޤުސަދުތަކާއި، ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މުހިންމު ހަރަކާތްތަކުގެ އިތުރުން އަދި އެ މަޝްރޫއު އިފްތިތާހު ކުރުމަށް ބާއްވާ ހަރަކާތުގައި ސްޓެލްކޯގެ ފަރާތުން ބޭނުންވާނެ އެހީތެރިކަމާ ގުޅޭ ގޮތުން ވެސް ވަނީ މަޝްވަރާ ކޮށްފައި އެވެ.
އިޙުތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫއަކީ ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ޚާއްސަ ވައުދުފުޅަކަށްވާއިރު، މިއީ ސަރުކާރުން އިސްކަމެއް ދީގެން ކުރިއަށް ގެންދާ މަސައްކަތެކެވެ. މި މަޝްރޫއުގެ މައިގަނޑު ބޭނުމަކީ ދިވެހި މުޖުތަމައުގައި އެކަކު އަނެކަކަށް އިޙުތިރާމު ކުރުމުގެ ރިވެތި އާދަކާދަތައް އަލުން ދިރުވައި އާލާކުރުމެވެ.
ފަސް އަހަރު ދުވަހުގެ މުއްދަތަށް މުޅި ރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ މި މަޝްރޫއުގެ ޝިއާރަކީ "އިޙުތިރާމުގެ އުފާ މުޖުތަމައުގެ ނަފާ" އެވެ. މި މަޝްރޫއު ކުރިއަށް ގެންދިޔުމުގެ ގޮތުން، ފަންނާއި ސަޤާފަތާ ބެހޭ މިނިސްޓްރީ އިން އަންނަނީ ސަރުކާރުގެ އިދާރާތަކާއި، ކުންފުނިތަކާ ބައްދަލު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް