ފަހު ހާފުގެ ލަނޑުތަކުން ބުރު ބަލިކޮށް މާޒިޔާ ކުރިޔަށް ޖެހިލައިފި
ލިޔުންތެރިޔާ
ކޫކޫ ލަނޑު ޖެހުމަށް ފަހު -- ފޮޓޯ/އެފްއޭއެމް
ފަހު ހާފުގައި ޖެހި ލަނޑުތަކާ އެކު 2-0 އިން ބުރު ސްޕޯޓްސް ކްލަބް ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ލީގު ތާވަލްގެ ދެވަނައަށް ޖެހިލައިފި އެވެ.
މިރޭގެ މެޗުގެ ފުރަތަމަ ހާފުގަލއި ލަނޑެއް ނުޖެހުނު އިރު، ދެވަނަ ހާފުގައި ކުޅެން ނުކުތް ގޮތަށް 62 ވަނަ މިނިޓުގައި މާޒިޔާއަށް ލީޑު ނަގައިދިނީ ބެންޖަމިން ތޯމަސް ކޫކޫ އެވެ. އެ ޓީމުގެ ދެވަނަ ލަނޑު ވެސް ޖެހީ އޭނާ އެވެ. އޭނާ މި ލަނޑު ޖެހީ 79 ވަނަ މިނިޓުގަ އެވެ.
މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނީ ކޫކޫ އެވެ.
މި މޮޅާ އެކު މާޒިޔާ މި ވަނީ ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް މޮޅުވެފަ އެވެ. އޭގެ ކުރިން އެ ޓީމު ކުޅުނު ދެ މެޗުން މޮޅެއް ނުހޯދުނު އިރު އެއް މެޗުން ބަލިވެފައިވެ އެވެ.
މިރޭގެ މެޗުގެ ނަތީޖާއާ އެކު މާޒިޔާ ދެވަނައަށް ޖެހިލީ ހަ މެޗުން ހޯދި 13 ޕޮއިންޓާ އެކު އެވެ. ތިން ޕޮއިންޓްގެ ލީޑަކާ އެކު އެއްވަނައިގައި އޮތީ ވިކްޓަރީ އެވެ.
ލީގުގެ ދެވަނައިހައި އޮތް ނިއު ރޭޑީއަންޓަށް ފަސް މެޗުން 11 ޕޮއިންޓް ލިބިފައި ވާއިރު ހަތަރުވަނައިގައި އޮތް އީގަލްސް އަށް ވަނީ ހަ މެޗުން 11 ޕޮއިންޓް ލިބިފަ އެވެ.
ތާވަލްގެ ފަސްވަނައިގައި އޮތީ މިއަދު ހަވީރު ކުޅުނު މެޗުން މޮޅުވި ބިސް ބުރެވެ. އެ ޓީމު ވަނީ ހަ މެޗުން ނުވަ ޕޮއިންޓް ހޯދައިފަ އެވެ. ހަވަނައިގައި އޮތް އޮޑި ސްޕޯޓްސް އަށް ހަ މެޗުން ލިބިފައި ވަނީ އަށް ޕޮއިންޓެވެ. ދިއްދޫ އަށް ހަ މެޗުން ފަސް ޕޮއިންޓް ލިބިފައި ވާއިރު ބުރު ސްޕޯޓްސް އަށް ފަސް މެޗުން ލިބިފައި ވަނީ ތިން ޕޮއިންޓެވެ. ލީގު ތާވަލްގެ އެންމެ ފުލުގައި އޮތް ގައްދޫ އާރުސީ އަށް ހަ މެޗުން އަދި ޕޮއިންޓެއް ނުލިބެ އެވެ.
މިރޭގެ މެޗާ އެކު ލީގު މި ވަނީ ދިގު ބްރޭކަކަށް މެދުކަނޑާލައިފަ އެވެ. ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕަށް ފަހު ލީގު އަލުން ފެށުމަށް ތާވަލް ކުރެވިފައި ވަނީ ނޮވެމްބަރު 22 ގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް