Article Top
ޚަބަރު •

ދިވެހި އުފެއްދުންތެރިކަމުގެ ހުޅުވައިފި، އަންނަ މަހުގެ 2 ވަނަ ދުވަހާ ހަމައަަށް ކުރިއަށްދާނެ

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

ދިވެހި އުފެއްދުންތެރިކަމުގެ ހުޅުވައިފި، އަންނަ މަހުގެ 2 ވަނަ ދުވަހާ ހަމައަަށް ކުރިއަށްދާނެ

ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒު ރައީސް ޑރ. މުއިއްޒު ހުޅުވައިދެއްވަނި—

ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒު 2026 ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހުޅުވައިދެއްވައިފިއެވެ.

މިރޭ ސެންޓްރަލް ޕާކުގައި ހުޅުވި މައުރަޒު 9 ދުވަހަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.އެއީ މިއަދުން ފެށިގެން އަންނަ މަހުގެ ދެ ވަނަ ދުވަހާއި ހަމައަށެވެ.

Advertisement
Article Inside

 އިކޮނަމިކް މިނިސްޓްރީއާ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގުޅިގެން އިންތިޒާމުކުރާ މިއަހަރުގެ މައުރަޒު ކުރިއަށްދަނީ 'ފިއުޗަރ މޯލްޑިވްސް – އިނޮވޭޝަން، ކްރިއޭޓިވިޓީ އެންޑް ގްލޯބަލް ކަނެކްޝަންސް' މި ޝިއާރުގެ ދަށުންނެވެ.

މިދިޔަ އަހަރުގެ މައުރަޒަށް ލިބުނު ފާހަގަކޮށްލެވޭ ކާމިޔާބީއާއި އާންމުންގެ ބޮޑު ތަރުހީބުގެ މައްޗަށް ބިނާކޮށް، މޯލްޑިވްސް އެކްސްޕޯ 2026 ގެ ބައިވެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.

އެގޮތުން މި އަހަރުގެ މައުރަޒުގައި ޖުމްލަ 419 ފަރާތަކުން 4,400 އުފެއްދުން ބައިވެރިކޮށްފައިވާއިރު، މިއީ 2025 ވަނަ އަހަރާ އަޅާބަލާއިރު އުފެއްދުންތަކުގެ އަދަދަށް ބަލާއިރު 83.5 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ. މިދިޔަ އަހަރު 240 ފަރާތަކުން ގާތްގަނޑަކަށް 2,467 އުފެއްދުން ބައިވެރިކުރިއިރު، މިއަހަރު ބައިވެރިވި ފަރާތްތަކުގެ ތެރޭގައި އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އަމިއްލަ ފަރުދުންނެވެ. އެގޮތުން 321 އަމިއްލަ ފަރުދުންނާއި، 75 ވިޔަފާރިއަކާއި، ނުކުޅެދުންތެރިކަން ހުންނަ 16 ފަރާތެއްގެ އިތުރުން ތައުލީމީ ދާއިރާއާއި ޖަމިއްޔާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުންވެސް ވަނީ ބައިވެރިވެފައެވެ. މި މައުރަޒުގައި ދައްކާލާ އުފެއްދުންތަކުގެ ގާތްގަނޑަކަށް ހަތަރުބައިކުޅަ ތިންބައި ހިއްސާކުރަނީ އަމިއްލަ ފަރުދުންގެ އުފެއްދުންތަކެވެ.

ޖުމްލަ 16 ދާއިރާއަކުން 73 ގިންތިއެއް ހިމެނޭ މި އެކްސްޕޯގެ އެންމެ ގިނަ އުފެއްދުން ހިމެނެނީ އަތްތެރި މަސައްކަތުގެ ދާއިރާއިންނެވެ. އެއީ 1,695 އުފެއްދުމެވެ. ދެވަނައަށް އެންމެ ގިނައީ ކްރިއޭޓިވް އާޓްސް އަދި ޑިޒައިނިންގ ދާއިރާއިން 920 އުފެއްދުމެވެ. މީގެ އިތުރުން ކާބޯތަކެތި، ގަހަނާ، ފެޝަން، އަދަބިއްޔާތު، މަސްވެރިކަން، އައިސީޓީ، ދަތުރުފަތުރު އަދި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާތަކުން ގިނަ އަދަދެއްގެ އުފެއްދުންތައް ވަނީ ހުށަހަޅާފައެވެ. މިއަހަރުގެ އެކްސްޕޯ ހާއްސަ 7 ޑިސްޓްރިކްޓަކަށް ބަހާލައިގެން ކުރިއަށް ގެންދާއިރު، މިއީ ވިޔަފާރިތަކާއި ކަސްޓަމަރުން ގުޅުވައިދީ މާކެޓުގެ އައު ފުރުސަތުތައް ފަހިކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ދެކެއެވެ.

މިއަހަރުގެ މައުރަޒުގައިވެސް ވާދަކުރުމުގެ ބައިގައި ތަފާތު އެކި އުފެއްދުންތައް ފެނިގެންދާނެއެވެ. އަދި ކުރީ އަހަރެކޭ އެއްގޮތަސް މި އަހަރުވެސް މި ބަަޔަށް ބޮޑު ތަރުހީބެއް ލިބިގެންދިޔައިރު، މިފަހަރުގެ އިނާމުދިނުމުގެ ރަސްމިއްޔާތުގައި 298 އެވޯޑެއް ވަނީ ދީފައެވެ. މީގެ ތެރޭގައި ހިމެނެނީ އެކި ދާއިރާތަކުން އެއްވަނައަށް ހޮވުނު 116 ފަރާތާއި، ދެވަނައަށް ހޮވުނު 95 ފަރާތާއި ތިންވަނައަށް ހޮވުނު 82 ފަރާތުގެ އިތުރުން އެންމެ މަތީ ޝަރަފު ކަމަށްވާ "ރަން 5 ވަނަ" އެވެ.

މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީން 14 ބައިވެރިއަކު ވަނީ 76 އެވޯޑު ހާސިލުކޮށްފައެވެ.

މިއަހަރުގެ މައުރަޒު ކުރިއަށްގެންދާނީ 7 ޑިސްޓްރިކްޓަކަށް ބަހާލައިގެންނެވެ. އެއީ:

1- މައުރަޒުގެ ވާދަކުރުމުގެ ބައިގައި ބައިވެރިކޮށްފައިވާ ތަކެތި ދައްކާލުމަށް ހާއްސަ ޑިސްޓްރިކްޓް.

2- އުފެއްދުންތެރި އިގްތިސާދީ ހަރަކާތްތަކަށް ހާއްސަ، ކްރިއޭޓިވް އިކޮނޮމީ ޑިސްޓްރިކްޓް.

3- ޓެކްނޮލޮޖީގެ އެކި އުފެއްދުންތަކަށް ހާއްސަ، ޑިޖިޓަލް އެންޑް އިނޮވޭޓިވް ޑިސްޓްރިކްޓް.

4- މުނިފޫހިފިލުމުގެ އެކި ހަރަކާތްތަކާއި ދިވެހި ސަގާފީ ހަރަކާތްތައް ދައްކާލުމަށް ހާއްސަ، އެންޓަރޓައިންމަންޓް ޑިސްޓްރިކްޓް.

5- ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ފޯރުކޮށްދޭ އެކި ޚިހިދުމަތްތަކާއި ތަކެތި މާކެޓްކޮށް ވިއްކުމަށް ހާއްސަކޮށް ގާއިމްކުރާ، މާކެޓްޕްލޭސް ޑިސްޓްރިކްޓް.

6- ފަތުރުވެރިކަމުގެ ދާއިރާގެ އުފެއްދުންތަކާއި ހިދުމަތްތަކަށް ހާއްސަ، ވިޒިޓަރ އިކޮނޮމީ ޑިސްޓްރިކްޓް.

7- ބައިނަލްއަގްވާމީ އެކި ފަރާތްތަކުގެ ހިދުމަތްތައް ދައްކާލުމަށް ހާއްސަ، އިންޓަރނޭޝަނަލް އެގްޒިބިޓަރސް ޑިސްޓްރިކްޓް.

މި އެކްސްޕޯ ވެފައިވަނީ 2040 ވަނަ އަހަރާ ހަމައަށް ދިވެހިރާއްޖެއަކީ ފުރިހަމައަށް ތަރައްގީވެފައިވާ، ސިންދަފާތުކުރެވިފައިވާ އިގްތިސާދެއް އޮންނަ ގައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ އުންމީދީ ތަސައްވުރު ހާސިލުކުރުމަށް ބޭނުންވާ އީޖާދީ އުފެއްދުންތެރިކަން ކުރިއެރުވުމުގެ މުހިންމު މަންސައަކަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް