ރާއްޖޭން ފަހަތުން އަރައި އެއްވަރު ކޮށްގެން ހޯދީ ތާރީހީ ޕޮއިންޓެއް!
ލިޔުންތެރިޔާ
ރާއްޖޭގެ ޒުވާން ޓީމުގެ މެޗަށް ފަހު ފީފާގެ ރައީސް އިންފަންޓީނޯއާ އެކު.--
ފީފާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕް އެންޑް ފެސްޓިވަލްގެ ގްރޫޕް އޭގައި ދިވެހިރާއްޖޭން އަންގްވިލާއާ ވާދަކޮށް ފަހަތުން އަރައި 3-3 އިން އެއްވަރުކޮށްފި އެޗެ،
ފުރަތަމަ ހާފުގައި އަންގްވިލާއިން ދެ ގޯލު ޖަހައިފައި ވާއިރު، ދެވަނަ ހާފު ފެށިގެން ދެވަނަ މިނިޓުގައި އެ ޓީމު އިތުރު ގޯލެއް ޖެހި އެވެ. ނަމަވެސް ރާއްޖޭގެ ޒުވާން ޓީމު ވަނީ ހިތްވަރު ދޫނުކޮށް ފަހަތުން އަރައި ތިން ލަނޑު ޖަހައި އެއްވަރު ކޮށްގެން ޕޮއިންޓެއް ހޯދައިފަ އެވެ.
ރާއްޖޭގެ ފުރަތަމަ ލަނޑު ޖަހައިދިނީ އިބްރާހިމް އިޔާސް ބިން ހަސަން އެވެ. ދެވަނަ ލަނޑު ޔޫސުފް ލާއިގް އިބްރާހިމް ޖެހި އިރު އެއްވަރުކުރި ލަނޑު ނިމެން މިނިޓަކާ ގާތްވެފައި ވަނިކޮށް ޖެހީ މިކާ މުހައްމަދު ކަލީމް އެވެ.

ހަ ގައުމު ވާދަކުރާ ގުރޫޕް އޭގެ ތާވަލަށް ބަލާއިރު ރާއްޖެ މިވަގުތު އޮތީ އެއް ޕޮއިންޓާ އެކު ފަސްވަނައިގަ އެވެ. ހަވަނައިގައި އޮތް އަންގްވިލާއަށް ވެސް ވަނީ ޕޮއިންޓެއް ލިބިފަ އެވެ.
ރާއްޖެ ވަނީ މުބާރާތުގެ ފުރަތަމަ މެޗުގައި ސައުތު އެފްރިކާއާ ވާދަކޮށް 8-0 އިން ބަލިވެފަ އެވެ. ދެވަނަ މެޗުގައި ފްރާންސާ ވާދަކޮށް 6-0 އިން ބަލިވި އިރު، ތިންވަނަ މެޗުގައި ކޮސޯވީއާ ވާދަކޮށް ބަލިވީ ފުރަތަމަ ހާފުގައި ވަން ގޯލުތަކުން 3-0 އިންނެވެ.

މި ގުރޫޕްގެ އެއްވަނައިގައި އޮތް ފްރާންސާއި ދެވަނައިގައި އޮތް އެސްޓޯނިއާ އަށް ވެސް ވަނީ ހަތް ޕޮއިންޓް ލިބިފަ އެވެ. އަދި ތިންވަނައިގައި އޮތް ސައުތު އެފްރިކާ އާއި ހަތަރުވަނައިގައި އޮތް ކޮސޯވޯއަށް ވެސް ވަނީ ހަ ޕޮއިންޓް ލިބިފަ އެވެ.
ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި މިރޭ 7:15 ގައި ނުކުންނާނީ އެސްޓޯނިއާއާ ދެކޮޅަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް