އިންޓަކަލްޗަރަލް ޑައިލޮގްގެ ވޯލްޑް ފޯރަމަށް މިނިސްޓަރު ހީނާ އަޒަރުބައިޖާންއަށް
ލިޔުންތެރިޔާ
މިނިސްޓަރު ހީނާ --
އިންޓަކަލްޗަރަލް ޑައިލޮގްގެ 7 ވަނަ ވޯލްޑް ފޯރަމްގައި ބައިވެރިވެވަޑައިގެންނެވުމަށް ހެރިޓޭޖު މިނިސްޓަރު ހީނާ ވަލީދު އަޒަރުބައިޖާންއަށް ފުރާވަޑައިގެންފިއެވެ.
މިމަހުގެ 27 އިން 29 އަށް އަޒަރުބައިޖާންގެ ވެރިރަށް ބާކޫގައި ބާއްވާ އިންޓަރކަލްޗަރަލް ޑައިލޮގްގެ 7 ވަނަ ވޯލްޑް ފޯރަމްގައި ބައިވެރިވެ ވަޑައިގަތުމަށް މިނިސްޓަރު ފުރާވަޑައިގެންނެވީ ރޭގައެވެ.
އެ ފޯރަމްގައި މިނިސްޓަރު ހީނާ ވާހަކަދެއްކުމަށް ހަޖަމެހިފައިވާއިރު، މިނިސްޓަރުގެ ވާހަކަ ދެއްކެވުމަށް ހަމަޖެހިފައިވަނީ "ޑައިލޮގް ފޯ އަ ޝެއާޑް ފިއުޗާ: ބިލްޑިން ބްރިޖަސް އިން އަ ފްރެކްޗާޑް ވޯލްޑް" މި ޝިއާރުގެ ދަށުން ކުރިއަށްދާ ފޯރަމްގެ ފުރަތަމަ ދުވަހެވެ.
މިއީ ދޭދޭ ސަގާފަތްތަކުގެ މެދުގައި އޮންނަ މަޝްވަރާއާއި، އެކަކު އަނެކަކަށް ކުރާ އިހުތިރާމާއި، ބައިނަލްއަގުވާމީ ފެންވަރުގައި އަމަލީ ގޮތުން ގުޅިގެން މަސައްކަތްކުރުން ކުރިއެރުވުމަށްޓަކައި އެކި ގައުމުތަކުގެ ވަޒީރުންނާއި، ސަގާފީ ދާއިރާގެ މާހިރުންނާއި، އިލްމީ ބޭފުޅުންނާއި، ދީނީ އިލްމުވެރިން އަދި ޒުވާނުންގެ މަންދޫބުން ބައިވެރިވާ މުހިންމު ބައްދަލުވުމެކެވެ.
މި ފޯރަމްގެ ހަވާސާގައި ބާއްވާ ބައިނަލްއަގުވާމީ ޖަމުޢިއްޔާތަކުގެ ހައި-ލެވެލް 3 ވަނަ ބައްދަލުވުމާއި "ބާކޫ ޕްރޮސެސް" ގެ 6 ވަނަ މިނިސްޓީރިއަލް ބައްދަލުވުމުގެ ޚާއްޞަ ޖޮއިންޓް ސެޝަންގައި ވެސް މިނިސްޓަރު ވާހަކަދެއްކުމަށް ވަނީ ހަމަޖެހިފައެވެ.
މި ސެޝަންގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލައްވާނީ، މި ޒަމާނުގައި ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ބޭނުން ހިފައިގެން ސަގާފީ މަޝްވަރާތައް ކުރިއެރުވުމަށް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކަށެވެ.
"ބާކޫ ޕްރޮސެސް" ގެ ތެރެއިން ކުރިއަށްދާ މި ފޯރަމަކީ ސަގާފީ ތަފާތުކުރުންތަކާއި، އިޖުތިމާއީ ގޮތުން އެކަހެރިވުމާއި، އައު ފަންނިއްޔާތުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް އަމަލީ މަސައްކަތްތަކެއް ކުރުމުގެ އަމާޒުގައި ކުރިއަށްދާ ފޯރަމެކެވެ. މި ފޯރަމްގައި ދާއިރާއާ ގުޅުންހުރި ބައިނަލްއަގުވާމީ ޖަމުޢިއްޔާތަކުން ބައިވެރިވެއެވެ.
މި ފޯރަމްގައި ރާއްޖެއިން ބައިވެރިވުމަކީ، ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރިކުރުމަށާއި، ބަހާއި ޑިޖިޓަލް ދާއިރާއިން ގައުމީ ފެންވަރުގައި އިސްކަންދޭ ކަންކަން ބައިނަލްއަގުވާމީ މަންސައެއްގައި ހާމަކޮށް، ދުނިޔޭގެ އެކި ގައުމުތަކާއި ޖަމުޢިއްޔާތަކާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބިގެންދާ މުހިންމު ފުރުސަތެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް