ރަސްމާލެ މަޝްރޫއުއާއެކު ރާއްޖޭގެ އުފެއްދުންތެރިކަމަށް 30 ބިލިއަނަށްވުރެ ބޮޑު އަދަދެއް ވަންނާނެ
ލިޔުންތެރިޔާ
ރަސްމާލެ މަޝްރޫއުގެ ކުރެހުމެއް -- ފޮޓޯ/ އީގަލް ހިލްސް
އެކުވެރި އަރަބި އިމާރާތުގެ ތަޖުރިބާކާރު ކުންފުނި، އީގަލް ހިލްސްއިން ރާއްޖޭގެ ރަސްމާލެގައި ފަށަން ހަމަޖެހިފައިވާ އިންވެސްޓްމެންޓު މަޝްރޫއާއެކު ރާއްޖޭގެ ޖީޑީޕީއަށް 30 ބިލިއަނާ 35 ބިލިއަނާ ދެމެދުގެ އަދަދެއް ވަންނާނެކަމަށް ދިރާސާއަކުން ދައްކައިފިއެވެ.
ރަސްމާލޭގައި އީގަލް ހިލްސް އިން ތަރައްޤީ ކުރާ ވޯޓާ ފްރަންޓާއި، މެރީނާގެ މަޝްރޫއާ ގުޅޭ ގޮތުން "އިކޮނޮމިކް އިމްޕެކްޓް އެސެސްމެންޓް" އެއް ހަދާފައި ވަނީ އީވެލިއުސާވް އިންނެވެެ. މިހާރު ކުރިއަށްދާ މޯލްޑިވްސް އެކައުންޓެންޓް ފޯރަމްގައި ވަނީ އެ ދިރާސާ ހިއްސާކޮށްފައި އެވެ.
އެ ދިރާސާގައި ބުނެފައިވަނީ ރަސްމާލޭގައި ކުރިއަށް ގެންދާ ބިޔަ ބޮޑު މަޝްރޫއާއެކު، ކުދި އަދު މެދު ފަންތީގެ 300 އަށް ވުރެ ގިނަ ވިޔަފާރި ފުޅާވެގެން ދާނެކަމަށެވެ.
އެގޮތުން އެ ދިރާސާގައި ފަާހަގަކޮށްފައި ވަނީ ރަސްމާލޭގައި ކުރިއަށް ގެންދާ މަޝްރޫއު އާއެކު، ރާއްޖެ އަށް ލިބޭނެ ފައިދާ އާއި ކުރިއެރުން ތަކެވެ. ރާއްޖޭގެ އިޤްތިޞާދު ފުޅާވެ، ޤައުމުގެ އުފެއްދުންތެރިކަން އިތުރުވެގެން ދާނެ ކަމަށް އެ ދިރާސާގައި ވަނީ ފާހަގަކޮށްފައި އެވެ. ހަމައެހެންމެ، ރާއްޖޭގެ އެކި އެކި ވިޔަފާރި ތަކަށް ވެސް ފަހި ފުރުސަތު ތަކެއް ލިބިގެން ދާނެ ކަަމަށް ވަނީ ފާހަގަކޮށްފައިއެވެ.
ރަސްމާލެ މަޝްރޫއުގެ ދަށުން އިންވެސްޓު ކުރެވޭ 1 އެމެރިކާ ޑޮލަރަށް، 1.6 އެމެރިކާ ޑޮލަރު ރާއްޖޭގެ އުފެއްދުންތެރި ކަމަށް ހިއްސާކުރާނެ ކަމަށެވެ. އަދި ރަސްމާލެ އިން ރާއްޖޭގެ އުފެއްދުންތެރި ކަމަށް 30 ބިލިއަން އެމެރިކާ ޑޮލަރާއި، 35 ބިލިއަން އެމެރިކާ ޑޮލަރުގެ އަދަދެއް ވަންނާނެ ކަމަށް އެ ދިރާސާގައި އަންދާޒާކޮށްފައިވެއެވެ.
މީގެ އިތުރުން ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓުގެ ގޮތުގައި ވެސް، 22 ބިލިއަން އެމެރިކާ ޑޮލަރު ވަންނާނެ ކަމަށް އެ ދިރާސާގައި އަންދާޒާކޮށްފައިވެއެވެ.
އެ ދިރާސާގައި ރަސްމާލެ މަޝްރޫއު އާއެކު ރާއްޖޭގެ 300 އަށް ވުރެ ގިނަ ވިޔަފާރިތައް ފުޅާވެގެން ދާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި، އެއީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ. ރާއްޖޭގެ އިޤްޞާދަށް ސީދާ ކުރިއެރުން ލިބޭނެ އެތައް ދާއިރާ އަކުން ފުރުސަތުތައް ލިބިގެންދާނެ ކަމަށް އެ ދިރާސާގައި ވަނީ ފާހަގަކޮށްފައި އެވެ.
ރަސްމާލޭގައި ތަރައްޤީ ކުރާ ޓޫރިސްޓު ފެސިލިޓީ ތަކުން ވެސް ބޮޑު ކުރިއެރުމެއް އިޤްތިޞާދަށް ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. އެގޮތުން އެ ސަރަހައްދަށް އަހަރަކު ގާތް ގަނޑަކަށް 900،000 (ނުވަ ލައްކަ) ފަތުރުވރިން އަންނާނެ ކަމަށް އަންދާޒާ ކޮށްފައިވާއިރު، މިއީ ފަތުރުވެރި ކަމުގެ ސިނާއަތަށް ލިބިގެން ދާނެ ބޮޑު ކުރިއެރުމެކެވެ.
ހަމައެހެންމެ، ރަސްމާލެ މަޝްރޫއު އާއެކު ވަޒީފާގެ ފުރުސަތުތައް ވެސް އިތުރު ވެގެން ދާނެ ކަމަަށް ފާހަގަކޮށްފައިވެ އެވެ. އެގޮތުން ރަސްމާލެ މަޝްރޫއު ކުރިއަށް ގެންދާ މުއްދަތުގެ ތެރޭގައި 45،000 ވަޒީފާ އުފެދިގެން ދާނެ ކަމަށް ލަފާކޮށްފައިވެ އެވެ. އަދި މަޝްރޫއު ނިމި، އެ ސަރަހައްދުގެ އޮޕަރޭޝަންތައް ފެށުމުން 15،000 ވަޒީފާ އުފެދޭނެ ކަމަށް ވެސް އަންދާޒާކޮށްފައިވެ އެވެ. އެހެންކަމުން، ރަސްމާލެ މަޝްރޫއު ކުރިއަށް ގެންދާ މުއްދަތާއި، އޭގެ ފަހުން އޮޕަރޭޝަން މުއްދަތުގަައި އުފެދޭ ވަޒީފާތަކާ އެކު، 60،000 ވަޒީފާ އުފެދިގެން ދާނެ ކަމަށް އަންދާޒާ ކޮށްފައިވެއެވެ.
މީގެ އިތުރުން އެ ދިރާސާގައި ވަނީ އެފަދަ ޕްރޮޖެކްޓެއް ކުރިއަށް ގެންދާއިރު، ތިމާވެއްޓަށް އިސްކަން ދިނުމާއެކު، ތިމާވެއްޓަށް އެންމެ ގެއްލުން ކުޑަ ވާނެ ގޮތަަަކަށް އިސްކަން ދޭން ޖެހޭ ކަމަށް ފާހަގަކޮށްފައި އެވެ. އެގޮތުން އެފަދަ މަޝްރޫއެއްގެ ބިމުގެ ސަރަހައްދުން 22 އިންސައްތަ ޚާއްސަ ކުރަން ވާނީ ގްރީން އޭރިޔާ ތަކާާއި، އޯޕަން އޭރިޔާ ތަކަށް ކަމަށް ފާހަގަކޮށްފައިވެ އެވެ. އަދި މިއީ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން، ޕްލޭނިންގެ މަރުހަލާގައި އިސްކަން ދޭން ޖެހޭ ކަމެއް ކަމަށް ފާހަގަކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް