Article Top
ކުޅިވަރު •

ޑީޕީއެލްގެ ޓޮޕް ސްކޯރާ ރިޒޭ ނުހިމަނައި ގައުމީ ޓީމު ސާފަށް ތައްޔާރުވާން އިންޑޮނޭޝިއާއަށް

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

ޑީޕީއެލްގެ ޓޮޕް ސްކޯރާ ރިޒޭ ނުހިމަނައި ގައުމީ ޓީމު ސާފަށް ތައްޔާރުވާން އިންޑޮނޭޝިއާއަށް

ރިޒޭ ޑީޕީއެލް މެޗެއްގެ މޮޅު ކުޅުންތެރިޔާ އެވޯޑް ހިފައިގެން -- ފޮޓޯ/އެފްއޭއެމް

ދިވެހި ގައުމީ ފުޓްބޯޅަ ޓީމު ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށްޓަކައި ހާއްސަ ޓްރެއިނިން ކޭމްޕަކަށް މިއަދު އިންޑޮނޭޝިއާއަށް ފުރާފައިވާއިރު، މިފަހަރުގެ ސްކޮޑުން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ދިވެހި ޕްރިމިއާ ލީގުގެ (ޑީޕީއެލް) ޓޮޕް ސްކޯރާ އަހުމަދު ރިޒުވާން (ރިޒޭ) އަށް ސްކޮޑުން ޖާގަ ލިބިފައިނުވުމެވެ.

ލީގުގައި މިހާތަނަށް ހަ މެޗުން ހަތް ގޯލު ޖަހައިގެން އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގެ ކުރީގައި އޮތް ވިކްޓަރީ ސްޕޯޓްސް ކްލަބްގެ ފޯވާޑް ރިޒޭއަކީ ރާއްޖޭގައި އުފެދުނު އެންމެ ނުރައްކާތެރި އެއް ފޯވާޑެވެ. އޭނާއަކީ ދިވެހި ޕްރިމިއާ ލީގުގައި ކްލަބް އީގަލްސްގެ ޖާޒީގައި ޖެހިޖެހިގެން ފަސް މެޗުގައި ފަސް ހެޓްރިކް ހަދައި ރެކޯޑެއް ވެސް ގާއިމްކޮށްފައިވާ ކުޅުންތެރިއެކެވެ. މި ސީޒަނުގެ ލީގުގައި ވެސް މޮޅު ކުޅުމެއް ދައްކަމުން އަންނަ ރިޒޭ ސްކޮޑުގައި ނުހިމެނުމަކީ ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު ކަމެކެވެ. އޭނާގެ އިތުރުން ނިއު ރޭޑިއަންޓްގެ މުހައްމަދު އިރުފާން ވެސް މިފަހަރުގެ ސްކޮޑަކު ނެތެވެ.

Advertisement
Article Inside

އެންމެ ފުރަތަމަ 26 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑެއް ހެދި ނަމަވެސް ފަހު ވަގުތު ދިމާވި އަނިޔާގެ މައްސަލަތަކަކާ ގުޅިގެން ސްކޮޑަށް ބަދަލުތަކެއް ގެނައުމަށްފަހު ފުރި މި ޓީމުގައި މިހާރު ހިމެނެނީ 24 ކުޅުންތެރިންނެވެ.

އިންޑޮނޭޝިއާއަށް ފުރި ޓީމާ އެކު އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގު އަދި ސީނިއާ ވައިސް ޕްރެޒިޑެންޓް އަލީ އިބްރާހިމް (ކައްޕި) -- ފޮޓޯ/އެފްއޭއެމް
އިންޑޮނޭޝިއާއަށް ފުރި ޓީމާ އެކު އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގު އަދި ސީނިއާ ވައިސް ޕްރެޒިޑެންޓް އަލީ އިބްރާހިމް (ކައްޕި) -- ފޮޓޯ/އެފްއޭއެމް

މީގެ ތެރެއިން 23 ކުޅުންތެރިން މާފަންނު ބަސް ޓާމިނަލް އިން އެއާޕޯޓަށް ދިޔަ އިރު، ނިއު ރޭޑިއަންޓްގެ މުހައްމަދު ނާއިމް ވަނީ ކ. ގުރައިދޫން އެއާޕޯޓަށް ގޮސް ޓީމާ ގުޅިފަ އެވެ. އާއިލީ ސަބަބުތަކާހުރެ އޮޑި ސްޕޯޓްސް ކްލަބްގެ ޑިފެންޑަރު އަހުމަދު އައިހަމް ޓީމާ ގުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހު އެވެ.

މާޒިޔާގެ ޑިފެންޑަރު ހައިޝަމް ހަސަން އަނިޔާގެ ސަބަބުން ޓީމާއެކު ނުދެއެވެ. އަރަމުން އަންނަ ޒުވާން ފޯނާޑް މުހައްމަދު އިލާން އިމްރާން މިވަގުތު ކްލަބާ އެކު ލުއި ފަރިތަކުރުންތައް ކުރިއަށް ގެންދިޔަ ނަމަވެސް އޭނާގެ އަނިޔާ މުޅިން ރަނގަޅެއް ނޫނެވެ. މީގެ އިތުރުން އަނިޔާގައި ހުރި އިތުބާރު ފޯވާޑް ހަމްޒާ މުހައްމަދަށް މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް މުބާރާތް ގެއްލޭނެ ކަން މީގެ ކުރިން ވެސް އޮތީ ޔަގީން ވެފަ އެވެ.

ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މަހެއްހާ ދުވަހަށް މެދުކަނޑާލާފައިވާއިރު، ގައުމީ ޓީމު އިންޑޮނޭޝިއާގައި ހޭދަކުރާ މުއްދަތުގައި އެކުވެރިކަމުގެ 2 މެޗެއް ކުޅޭނެއެވެ. މިފަހަރުގެ ސާފް މުބާރާތުގައި ރާއްޖެއިން ގްރޫޕް ބީގައި ވާދަކުރާއިރު، މުބާރާތް ކުރިއަށްދާނީ ނޮވެމްބަރު 5-17 އަށް ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައެވެ.

ރާއްޖެއިން އެންމެ ފަހުން އިންޑިއާ އާއި އެއްގްރޫޕެއްގައި ވާދަކުރީ 2018 ގައެވެ. އަދި ޕާކިސްތާނާ އެއް ގްރޫޕެއްގައި އެންމެ ފަހުން ކުޅުނީ 2011 ގައެވެ. މީގެ އިތުރުން އިންޑިއާ އާއި ޕާކިސްތާނާ އެކު ތިން ޓީމު އެއް ގުރޫޕެއްގައި ހިމެނުނީ 2008 ގައެވެ.

ޓީމު ސާފް ޗެމްޕިއަންޝިޕަށް ބަންގްލަދޭޝް އަށް ދާން ހަމަޖެހިފައި ވަނީ ކޭމްޕް ނިންމާލުމަށް ފަހު ނޮވެމްބަރު ދެވަނަ ދުވަހު ރާއްޖެ އައުމަށް ފަހު އެވެ.

މި އަހަރުގެ ކުރީކޮޅު ގައުމީ ޓީމުގެ ކޯޗުކަމާ އަލުން ހަވާލުވި ހަންގޭރީގެ އިސްތަވާން އުރްބާނީގެ އިރުޝާދުގެ ދަށުން، ގައުމީ ޓީމު ތައްޔާރު ވަމުން އަންނަ އިރު ޓީމުގެ އެސިސްތެންޓް ކޯޗަކީ ސޮބާހު މުހައްމަދު (ސޮބާ) އެވެ.

އިންޑޮނޭޝިއާ ޓްރެއިނިން ކޭމްޕްގައި ބައިވެރިވާ ސްކޮޑް:

  1. މުހައްމަދު އަޝްވާން (ގޯލްކީޕަރު)

  2. އަލީ ސަމޫހު

  3. ހުސެއިން ޝަރީފް (ގޯލްކީޕަރު)

  4. އިބްރާހިމް މަހުދީ ހުސެއިން

  5. ހަސަން އީނާޒް

  6. ނައްސާހް އިބްރާހިމް ނާސިރު

  7. ނާއިޒް ހަސަން

  8. ހުސެއިން ޝިފާއު ޔޫސުފް

  9. ތޯއިފް ގާސިމް

  10. އަހުމަދު މާއިޝް ރަޝީދު

  11. އަމްދާން އަލީ

  12. އަހުޒަމް ރަޝީދު

  13. އައިސަމް އިބްރާހިމް

  14. އަހުމަދު އައިހަމް (ފަތޯ)

  15. އަހުމަދު އައިހަމް (އައިހު)

  16. އިބްރާހިމް ވަހީދު ހަސަން

  17. އީތަން އިބްރާހިމް ޒަކީ

  18. މުހައްމަދު ޝަފީއު (ގޯލްކީޕަރު)

  19. އަލީ ހަމްދާން

  20. މުޒްދާން ހަސަން

  21. އަލީ ފާސިރު

  22. ނިޝާމް މުހައްމަދު ރަޝީދު

  23. ޢަބްދުﷲ ލޫތު އިބްރާހިމް

  24. މުހައްމަދު ނާއިމް

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް