15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ ވާދަކުރާނީ ޓިއާ އީގައި
ލިޔުންތެރިޔާ
ރާއްޖެ އާއި ފްރާންސް ކުޅުނު މެޗުގެ ތެރެއިން -- ފޮޓޯ/ފީފާ
ފީފާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕް އެންޑް ފެސްޓިވަލްގެ ގްރޫޕް އޭގައި ދިވެހިރާއްޖެ ގުރޫޕްގެ ފަސްވަނަ ޓީމުގެ ގޮތުގައި ޓިއާ އީ ގައި ވާދަކުރަން ޖެހިއްޖެ އެވެ.
ރޭ ކުޅުނު ގުރޫޕްގެ ފަހު މެޗުގައި ރާއްޖެ ވަނީ ގުރޫޕްގެ އެއްވަނަ ހޯދި އެސްޓޯނިއާ އާ ވާދަކޮށް 3-1 އިން ބަލިވެފަ އެވެ.
އެސްޓޯނިއާއިން ގޯލެއް ޖަހާފައި ވަނިކޮށް ޔޫސުފް ޔުއާން ރާއްޖެއަށް ނަތީޖާ އެއްވަރު ކޯށްދިނެވެ. ނަމަވެސް އެސްޓޯނިއާ ވަނީ ފަހު ހާފުގައި ދެ ގޯލު ޖަހައި މެޗު ކާމިޔާބު ކޮށްގެން ގުރޫޕްގެ އެއްވަނަ ހޯދައިފަ އެވެ.
އެސްޓޯނިއާ 11 ޕޮއިންޓާ އެކު އެއްވަނަ ހޯދި އިރު، 10 ޕޮއިންޓާ އެކު ސައުތު އެފްރިކާ އަށް ދެވަނަ އަދި ފްރާންސަށް ވަނީ ތިންވަނަ ލިބިފަ އެވެ. ކޮސޯވޯ އަށް ނުވަ ޕޮއިންޓާ އެކު ހަތަރުވަނަ ލިބުނު އިރު، ހަވަނައިގައި ނިންމި އަންގްވިލާއަށް ވެސް ވަނީ ރާއްޖެއާ އެއްވަރަށް ޕޮއިންޓެއް ލިބިފަ އެވެ.
މި މުބާރާތުގެ އެންމެ ހާއްސަ ކަމަކީ ކުޅުންތެރިން ކުރިއެރުވުމަށް އިސްކަންދީގެން ފީފާއިން ފަރުމާކޮށްފައިވާ އޮނިގަނޑެވެ. ފީފާ 15 އަހަރުން ދަށުގެ ފެސްޓިވަލްގެ މި ތަފާތު ފޯމެޓްގެ ދަށުން، ގްރޫޕް ސްޓޭޖުން އެއްވެސް ޓީމެއް މުބާރާތުން ވަތްކެއް ނުވާނެއެވެ. ގްރޫޕް ބުރުގެ މެޗުތަކުން ހޯދާ ނަތީޖާއަށް ބަލައި، ހަމައެކަނި ކަނޑައެޅޭނީ މުބާރާތުގެ ދެވަނަ ބުރުގައި ރާއްޖެ ވާދަކުރަންޖެހޭނީ ކޮން ފެންވަރެއްގެ (ޓިއާ/ޑިވިޝަން އެއްގެ) ޓީމުތަކަކާ ކަމެވެ. ކޮންމެ ޑިވިޝަނެއްގެ ޗެމްޕިއަން ޓީމު ހޮވަން ކަނޑައެޅިފައި ވާއިރު، މުޅި މުބާރާތުގެ ރަސްމީ ޗެމްޕިއަނުން ކަމަށް ކަނޑައަޅާނީ އެއްވަނަ ޑިވިޝަންގެ ޗެމްޕިއަނެވެ.
ގުރޫޕް ސްޓޭޖް ނިމިފައި ވާއިރު، ދެކުނު އޭޝިއާ ސަރަހައްދުން އެންމެ މަތީ ޓިއާއެއްގައި ނިންމާލީ އިންޑިއާ އެވެ. އިންޑިއާ ވާދަކުރާނީ ތިންވަނައަށް ދިޔަ ޓީމުތައް ވާދަކުރާ ޓިއާ ސީގަ އެވެ. ރާއްޖެ އާއެކު ސްރީލަންކާ އާއި ބަންގްލަދޭޝް ޓިއާ އީގައި ވާދަ ކުރާއިރު، ބޫޓާނާއި ޕާކިސްތާން އަދި ނޭޕާލް ހިމެނެނީ ހަވަނައިގައި ނިންމި ޓީމުތައް ވާދަކުރާ ޓިއާ އެފްގަ އެވެ.
ޓިއާ އީގެ ރައުންޑް އޮފް 32 ގައި މާދަމާ ހެނދުނު 11:15 ގައި ރާއްޖެ ނުކުންނާނީ އެސްވަޓީނީއާ ދެކޮޅަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް