ރަސްމާލެ އަކީ ރާއްޖޭގެ މުސްތަޤުބަލު ބަދަލުކޮށްލާނެ ޕްރޮޖެކްޓެއް: މުންދު
ލިޔުންތެރިޔާ
ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސެއިން ޝަރީފް (މުންދު).
ޔުނައިޓެޑު އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އީގަލް ހިލްސް އިން ރަސްމާލޭގައި ހިންގާ މަޝްރޫއަކީ ރާއްޖޭގެ މުސްތަޤުބަލު ބަދަލުކޮށްލާނެ ޕްރޮޖެކްޓެއް ކަމަށް، ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސެއިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ މީޑިއާ އަކަށް ދެއްވި އިންޓަވިޔުއެއްގަިއ މުންދު ވަނީ، އީގަލް ހިލްސް އިން ރަސްމާލޭގައި ހިންގާ މަޝްރޫއާ ގުޅޭ ގޮތުން ވަރަށް ގިނަ ވާހަކަ ތަކެއް ދައްކަވައިފަ އެވެ. އެގޮތުން މުންދު ވަނީ އެ ކުންފުނިން މިހާރު ވެސް ބައެއް ސަރަހައްދުތަކުގައި ކުރިއަށް ގެންދަމުން އަންނަ އެފަދަ ބޮޑެތި ޕްރޮޖެކްޓުތަކުގެ ވާހަކަ ފާހަގަ ކުރައްވައިފަ އެވެ.
މުންދު ވިދާޅުވީ، ރަސްމާލޭގައި ހިންގާ ބިޔަ ބޮޑު މަޝްރޫއަކީ 2040 ވަނަ އަހަރާ ހަމައަށް ދާންވާއިރު ރާއްޖެ އަކީ ފުރިހަމަ އަށް ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަސައްވަރު ހަގީގަތަކަށް ހެދުމަށް އެންމެ ބޮޑު ޕްރޮޖެކްޓަށް ވާނެ ކަމަށެވެ. އަދި އެ މަޝްރޫއަކީ ރާއްޖޭގެ މުސްތަޤުބަލު ބަދަލުކޮށްލާނެ ޕްރޮޖެކްޓެއް ކަމަށެވެ.
"އަޅުގަނޑު ދަންނަވާނީ މިއީ ހަމަ އިރާދަކުރެއްވިއްޔާ ރާއްޖޭގެ މުސްތަޤުބަލު ބަދަލުކޮށްލާނެ، ރައީސް އެ ގެންގުޅުއްވާ ވިހި ސާޅީހުގެ ތަސައްވަރު ހަގީގަތަކަށް ހަދަން އެޅޭނެ އެންމެ ބޮޑު ފިޔަވަޅަކީ މި ޕްރޮޖެކްޓޭ،" މުންދު ވިދާޅުވި އެވެ.
މިހާރު ވެސް ރާއްޖެ އަށް ގިނަ އަދަދެއްގެ ފަތުރުވެރިން ޔޫއޭއީ އިން އަންނަކަން ފާހަގަ ކުރައްވައި މުންދު ވިދާޅުވީ، ރަސްމާލެ މަޝްރޫއާ އެކު ރާއްޖެ އަށް އެންމެ ގިނައިން ޒިޔާރަތް ކުރާނީ ޔޫއޭއީގެ ރައްޔިތުން ކަމަށެވެ. ރަސްމާލެ އަށް އިންވެސްޓުކުރާނީ، ނުވަތަ އެ ތަނުން އެޕާޓްމަންޓާއި ވިލާ އެންމެ ގިނައިން ގަންނާނީ ޔޫއޭއީގެ ރައްޔިތުން ކަމަށް ވެސް މުންދު ވިދާޅުވި އެވެ.
އެހެން ނަމަވެސް، އެއްވެސް ޙާލަތެއްގައި ޔޫއޭއީގެ ރައްޔިތުން އެ ޤައުމު ދޫކޮށްލައި، ރާއްޖެ އަށް ވަޒަންވެރި ވަނީ ނޫން ކަމަށާއި، އެއީ ބައެއް ފަރާތްތަކުން އޮޅުވާލައިގެން ދައްކާ ވާހަކައެއް ކަމަށް މުންދު ވިދާޅުވި އެވެ. ޔޫއޭއީފެ ރައްޔިތުން އެ ޤައުމަށް މާ ބޮޑަށް ހޫނުވާ ދުވަސްވަރު، ސްކޫލުތައް ބަންދުވާ ދުވަސްވަރު ޗުއްޓީ އަށް ދާނީ އެތަނަށް ކަމަށާއި، ޗުއްޓީ އަށް ފަހު އަނެއްކާ ވެސް އެ މީހުން އެނބުރި ޤައުމަށް ދާނެ ކަމަށް މުންދު ވިދާޅުވި އެވެ.
އެއާއެކު މުންދު ވިދާޅުވީ، ރިއަސް އެސްޓޭޓަކީ ވިޔަފާރީގެ ގޮތުން ފައިދާވާ މޮޑަލް އަކަށް ވީތީވެ، އެ މޮޑަލްގެ ތެރެއިން އެންމެ ބޮޑު ޝައުޤުވެރިކަމެއް އޮންނާނީ ޖީސީސީގެ ޤައުމުތަކާއި ދިވެހިންނަށް ކަމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް