ފުނަދޫ އަލިފާނުގެ ހާދިސާގައި އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށް ރައީސް އެދިވަޑައިގެންފި
ލިޔުންތެރިޔާ
ރައީސް ޑރ. މުއިއްޒު--
ށ. ފުނަދޫގައި އަމިއްލަ ފަރާތަކުން ހިންގާ ޕެޓްރޯލް ޝެޑްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި އަނިޔާވި މީހުންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، އަވަސް ޝިފާއަކަށް މިއަދު އެދިވަޑައިގެންފިއެވެ.
އެކްސްގައި ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފުނަދޫގައި ހިނގި އަލިފާނުގެ ހާދިސާގެ ހަބަރު އަޑު އެހީ، ނުހަނު ކަންބޮޑުވުމާއި ފުން ހިތާމައާ އެކުގައި ކަމަށެވެ.
މިފަދަ ޙާލަތްތަކުން މި ޤައުމާއި ރައްޔިތުން ސަލާމަތްކޮށްދެއްވައި، ރައްކާތެރިކަން އަބަދުމެ މިންވަރުކޮށްދެއްވުން އެދި މާތްﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވާކަމަށް ވެސް ރައީސްގެ އެކްސް ޕޯސްޓުގައި ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މި ކުރިމަތިމި ކުއްލި އަދި އުނދަގޫ ޙާލަތުގައި، ވަގުތުން އިޖާބަދެއްވައި، ރަށާއި ގެދޮރާއި ރައްޔިތުންގެ ސަލާމަތަށްޓަކައި ދެއްވި ބޮޑު އެހީތެރިކަމަށްޓަކައި، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރަށާއި، ދިވެހި ފުލުހުންގެ ޚިދުމަތަށާއި، ފުނަދޫ އެއާޕޯޓާއި މާފަރު އެއާޕޯޓު އަދި ޖޭ.ޑަބްލިޔު. މެރިއޮޓްގެ ފަޔަރ އެންޑް ރެސްކިޔު ޓީމުތަކާއި، ށ. އަތޮޅު ހޮސްޕިޓަލާއި، ދިވެހިރާއްޖޭގެ ޤައުމީ ކެޑޭޓްކޯއާއި، ފުނަދޫ ކައުންސިލާއި ސަރުކާރުގެ އިދާރާތަކާއި، އަދި ފުނަދޫގެ އެކުވެރި ލޮބުވެތި ރައްޔިތުންނަށް، ތިޔަދެއްވި އެއްބާރުލެއްވުމުގެ އަގު ވަޒަންކޮށް، ވަރަށް އިޚުލާޞްތެރިކަމާއެކު ޝުކުރު ދަންނަވާކަމަށެވެ.
އަދި އެ ހާދިސާގައި އެކިވަރުގެ އަނިޔާ ލިބުނު ފަރާތްތަކަށް އަވަސް ޝިފާއަކާއި ދުޅަހެޔޮކަމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ. މުދަލަށް ގެއްލުން ލިބުނު ފަރާތްތައް، މާތްﷲ ގެ ހެޔޮ ރަޙްމަތްފުޅާއެކު އާންމު ހާލަތަކަށް އަވަހަށް ރުޖޫއަވާނެކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް ވަނީ އެ ހުރިހާ ފަރާތްތަކުގެ ލޮބުވެތި އާއިލާތަކަށްވެސް ކެތްތެރިކަމާއި ހަމަޖެހުން މިންވަރުކުރެއްވުމަށް އެދި ދުއާ ކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް