ޓީސީ ބަލިކޮށް ބިސް ބުރު ލީގުގެ ފަސްވަނައަށް ޖެހިލައިފި
ލިޔުންތެރިޔާ
ބިސް ބުރުން މިއަދުގެ މެޗުގައި ގޯލު ޖެހުމަށް ފަހު -- ފޮޓޯ/އެފްއޭއެމް
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ޓީސީ ސްޕޯޓްސް ކްލަބް 2-1 އިން ބަލިކޮށް، ބިސް ބުރު ސްޕޯޓްސް ކްލަބުން ލީގު ތާވަލުގެ ފަސްވަނައަށް ކުރިއަށް ޖެހިލައިފި އެވެ.
ގަލޮޅު ދަނޑުގައި ބޯ ވިއްސާރައިގެ ތެރޭގައި ކުޅުނު މި މެޗުގެ ފުރަތަމަ ކޮޅުގައި ބިސް ބުރުން ވަނީ މޮޅު ކުޅުމެއްދައްކައި ލީޑު ނަގައިފަ އެވެ. އެގޮތުން މެޗުގެ 10 ވަނަ މިނިޓްގައި އިބްރާހިމް އަތީގް ހަސަން (އިއްބެ) ޖެހި ރީތި ލަނޑަކުން އެ ޓީމު ލީޑު މެގިއިރު، އޭގެ ފަހުން 15 ވަނަ މިނިޓްގައި މުހައްމަދު ޒިދާން އީސާ ވަނީ އިތުރު ލަނޑެއްޖަހައިފަ އެވެ.
ނަމަވެސް، ވިއްސާރައިގެ ސަބަބުން ދަނޑުގައި ފެން ހެދި، 36 ވަނަ މިނިޓްގައި މެޗުގެ ކުޅުން ކޮންމެވެސް ވަރަކަށް މެދުކަނޑާލަން ޖެހުނެވެ.
މެޗުގެ ދެވަނަ ހާފުގައި ޓީސީން ކުޅުން ރަނގަޅުކޮށް، މެޗުގެ 65 ވަނަ މިނިޓްގައި ލަނޑެއްޖަހައި ފަރަގު ކުޑަކުރި އެވެ. ހިލޭ ޖެހުމަކުން ލިބުނު މި ބޯޅަ ގޯލަށް ވައްދާލީ ހަސަން އީނާޒް އެވެ. އޭގެފަހުން ނަތީޖާ ހަމަހަމަކުރަން ޓީސީން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، އިތުރު ލަނޑެއް ނުފެނި މެޗު ނިމުނީ ބިސް ބުރު ކުރީގައި އޮވެގެންނެވެ.
މި މެޗުން ހޯދި ތިން ޕޮއިންޓާއެކު ބިސް ބުރު އޮތީ ހަ މެޗުން ޖުމްލަ ނުވަ ޕޮއިންޓާ އެކު ތާވަލުގެ ފަސްވަނައިގަ އެވެ. އަދި އަށް ޕޮއިންޓާ އެކު ފަސްވަނައިގައި އޮތް އޮޑި ވަނީ ހަވަނައަށް ވެއްޓިފަ އެވެ. ޓީސީ އޮތީ ހަ މެޗުން ހޯދި ހަ ޕޮއިންޓާއެކު ހަތްވަނައިގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް